ކުޅުދުއްފުށިން ތަރުކާރީ އާއި އާއްމު އެހެނިހެން މުދާ ބަރުކޮށްގެން، މާލެ އަށް ދަތުރު ކުރި އިންޑިއާގެ ލަކުޑި ބޯޓެއް މާލެ އަތޮޅު ހެލެނގިލި ރިސޯޓް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ ފަތިހު ފަރަށް އެރި މި ބޯޓު އަދިވެސް ފުން ނުކުރެވެ އެވެ. އަދި ބޯޓުގައި ހުރި މުދަލަށް ގެންލުން ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް މިވަގުތު ބުނަން ދަތި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"އެމްއެސްވީ ދައުލަ 1" ނަމަކަށް ކިޔާ މި ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ކޯސްޓު ގާޑަށް ލިބިފައިވަނީ ރޭ ފަތިހެވެ. މާލެ އަތޮޅުގެ އިރުމަތީ ބިތުގައި، މާލެއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ހެލެނގެލި ރިސޯޓު ފަރަށް މި ބޯޓު އެރި ކަމަށް ވަނީ އެ ރިސޯޓް ކައިރިން މާލެ އަތޮޅު ތެރެއަށް ވަންނަން އުޅެނިކޮށެވެ.

ފަރަށް އެރި އިރު ބޯޓުގައި އެ ވަގުތު ތިބީ އިންޑިއާގެ އަށް މީހެކެވެ. ބޯޓު މާލެ އަށް ދަތުރުކުރީ ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށް ފަހު ކުޅުދުއްފުށިން މުދާ ހިފައިގެންނެވެ. މިބޯޓަކީ 35 މީޓަރުގެ އުޅަދެކެވެ.

އެމްއެންޑީއެފުން މިހާރު ގެންދަނީ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.