"ސިޔާސީ" ދައުވާތައް ކޮމަންވެލްތުގެ މަންދޫބާ އެކު ހުއްޓޭނެ ކަމަށް ހީކުރަން: އެމްޑީޕީ

ކޮމަންވެލްތުން ރާއްޖެ އަށް ހާއްސަ މަންދޫބެއް ހަމަޖެއްސުމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ކުރެވޭ ދައުވާތައް ނިމުމަކަށް އައިސްފާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.


ކޮމަންވެލްތުން ވަނީ ރާއްޖެ އަށް ކަނޑައަޅާ ހާއްސަ މަންދޫބެއްގެ ގޮތުގައި ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ މިދިޔަ ހަފުތާގައި ހަމަޖައްސާފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ ހަވާލުކޮށް، ކޮމަންވެލްތުން ކަނޑައެޅި މަންދޫބަށް މަރުހަބާ ކިޔާ ކަމަށެވެ. ކޮމަންވެލްތުގެ ނިންމުމަކީ ރާއްޖެ އަށް އިސްލާހީ ބަދަލުތަކެއް އަންނާނެ ފަދަ ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ: ކޮމަންވެލްތުގެ އާ މަންދޫބާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހިވާނެ ކަމަށް އެމްޑީޕީން އުއްމީދުކުރޭ. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

އެ ގޮތުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބުމާއި ސިޔާސީ ލީޑަރުންނަށް ކުރާ ދައުވާތައް ނިމުމަކަށް އައުމާއި މީޑިއާތަކާއި އިދިކޮޅު ލީޑަރުންނަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި ބުނީ ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް މިނިވަންވެ، އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ކޮމަންވެލްތުން މުޓުންގާގެ ތަޖުރިބާއާ އެކު އިދިކޮޅު ސިޔާސީ ޕާޓީތަކަށް މިނިވަންކަމާ އެކު ސިޔާސީ ހަރަކާތް ހިންގުމުގެ އުއްމީދު ވެސް އެބައޮތެވެ.

އެމްޑީޕީން ބުނި ގޮތުގައި 2012 ގައި ނެރުނު ކޯނީގެ ރިޕޯޓުގައި އިސްލާހު ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން މިއަދާ ހަމައަށް އައިއިރު ވެސް ތަންފީޒު ކުރަމުން ނުދެ އެވެ. މުޓުންގާގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ ކަންކަން ތަންފީޒު ކުރަން ބާރު އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމްޑީޕީން ބުންޏެވެ. އެ ގޮތުން، ފުލުހުންނާއި ސިފައިންގެ މުއައްސަސާ އާއި ޝަރުއީ ދާއިރާ އިސްލާހު ކުރަން މަސައްކަތް ކުރަން އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

މިއީ ކޮމަންވެލްތުގެ ހާއްސަ މަންދޫބެއް ރާއްޖެ އަށް ކަނޑައެޅި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2012 ގައި ވެރިކަން ބަދަލުވުމާ އެކު ހިނގި ހަމަނުޖެހުންތަކާއި އޭރު އޮތް ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމަށް ރާއްޖެ އަށް އެހީ ވުމަށް ވެސް ކޮމަންވެލްތުން ހާއްސަ މަންދޫބެއް ހަމަޖެއްސި އެވެ.