މަޝްވަރާތަކުގައި ލީޑަރުން މިނިވަންކުރަން އަމާޒުހިފާނަން: އެމްޑީޕީ، އަދާލަތު

ސަރުކާރާ އެކު ފަށާ މަޝްވަރާތަކުގައި، ޓެރަރިޒަމްގެ ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން އަމާޒު ހިފާނެ ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.


އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހުކުރަން ހުށަހެޅި މުހިއްމު ކަންކަމުގެ ތެރޭގައި މަޝްވަރާކޮށްގެން ކަންކަމަށް ހައްލު ހޯދުން ހިމެނޭ ކަމަށެވެ. މަޝްވަރާކޮށްގެން، ސިޔާސީ ލީޑަރުން ޖަލުތަކުން ނެރެ، މިނިވަންކަމާ އެކު ސިޔާސީ މަސައްކަތުގައި އުޅޭވޭނެ މަގު ފަހިކޮށްދޭން ކޮމަންވެލްތުން ހުށަހަޅާފައިވާ ކަަމަށް ޝިފާޒް ވިދާޅުވި އެވެ.

"ޖަލުގައި ސިޔާސީ ލީޑަރުން ނުހައްގުން ބަންދުކޮށްފައިވާ މައްސަލަ އާއި ނުހައްގުން ދައުވާކޮށް އެކިއެކި މަރުހަލާތަކުގައިވާ 1،700 މީހުން މިނިވަންކުރަން ބާރު އަޅާނެ ވާހަކަ މާކުރިން ވެސް ވާނީ ދަންނަވާފައި. މަޝްވަރާއެއްގައި މިކަންކަމަށް އަމާޒު ހިފާނަން،" އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އަދާލަތު ޕާޓީގެ ރައީސަށް ވަނީ 12 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް 11 އަހަރުގެ ހުކުމެއް ވަނީ އިއްވައިފަ އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ކަނޑައަޅާ މަންދޫބުންނަށް ރިޔާސީ އިންތިހާބުގައި ބައިވެރިވެވެން ޖެހޭނެ އެވެ. ލީޑަރުންނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ވެސް މަޝްވަރާ އިން މަގުފަހިވާ ގޮތަށް ކަންކަން ހަމަޖައްސަން ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަނީ ލޯންޑެރިން އާއި ކޮރަޕްޝަނާ ގުޅޭ ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމާއި ރައްޔިތުންނަށް ގެއްލުވާލާފައިވާ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ބާރުއަޅާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ މަޝްވަރާ ބައްޓަންކުރަން ޖެހޭ ގޮތް ވެސް ސީމެގުން މިފަހަރު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި ކަމަށެވެ. ހާއްސަގޮތެއްގައި މަޝްވަރާތަކަކީ ސަރުކާރަށް ވަގުތު ހޯދައިދޭން ދޭ ލައިސަންސެއް ނޫން ކަމަށާއި ނަތީޖާ ނެރެވެން ޖެހޭނެ ކަމަށް ސީމެގުން ބުނެފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމާއި ހަމައެހެންމެ ރިޔާސީ ލީޑަރުންނަށް ވާދަކުރެވުމާއި މިހެން ގޮސް ވަރަށް ގިނަ ކަންކަމަށް މަގުފަހިވާގޮތަށް މަޝްވަރާކުރަން ސީމެގުން އެދިފައި ވަނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާ އެކު މަޝްވަރާކުރަން އަދާލަތުން އޮތީ ތައްޔާރަށެވެ. އެހެން ފަހަރުތަކެކޭ ހިލާފަށް، ސަރުކާރުން އިހްލާސްތެރިކަމާ އެކު މަޝްވަރާ ކުރިއަށް ގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމަންވެލްތު އެކަންޏެއް ނޫން. އދ. އިން މީޑިއޭޓްކުރި މަޝްވަރާ ކުރިއަށް ގެންދަން މި އޮތީ ގޮވާލާފައި. ކޮންމެ ފަހަރަކު ސަރުކާރުން ހީކޮށްގެން ނުވާނެ ކޮންމެވެސް ދަޅައެއް ދައްކައިގެން އިތުރު ދުވަސްތަކެއް ހޯދައި ރައްޔިތުންނަށް އަނިޔާވެރިވެ ކަންކަން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް. އަބަދު އޮޅުވާލައިގެން ދޮގު ހަދައިގެން ސަރުކާރަކަށް ނުހިފެހެއްޓޭނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

މަޝްވަރާތައް އަވަހަށް ފަށަން އެދި އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ ރައީސް އޮފީހަށް ސިޓީ ފޮނުވައިފަ އެވެ. އެކަމަކު މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ދެ ޕާޓީއަކުން ވެސް އަދި ކަނޑައެއް ނާޅަ އެވެ. ނަމަވެސް މަޝްވަރާގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ފޮނުވައި ދިނުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ކިބައިން ސަރުކާރުން މިހާރު ވަނީ އެދިފަ އެވެ.

މަޝްވަރާތައް އަލުން މި ފަށަނީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ. ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި އަލިމަގެއް ފެނިފައެއް ނުވެ އެވެ.