ކޮމަންވެލްތުންް ވަކިވާ ވާހަކަ ދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް: އަދާލަތު

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހުނުކޮށް އެ ޖަމާއަތުން ވަކިވާން އިންޒާރު ދިނުމަކީ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަަމަށް އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.


ސީމެގުން ރާއްޖެ އަށް ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން އެމްޑީޕީއާ އެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ ކޮމަންވެލްތަކީ ހަމައެކަނި ސްކޮލަޝިޕް ދޭ، އެއްވެސް ބޭނުމެއް ނެތް ތަނެއްގެ ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ސިފަކުރައްވާ ކަމަށެވެ. އޭގެ ބޭނުމަކީ، ކޮމަންވެލްތުން ހުށަހަޅާ ކަންކަމާ މެދު ސަރުކާރުން އަޅާނުލާނެ ކަން ސާބިތުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ކޮމަންވެލްތުން ރާއްޖެ ވަކިވެއްޖެ ނަމަ ބޮޑެތި ގެއްލުންތަކެއް މި ގައުމަށް ލިބިދާނެ އެވެ. އެންމެ ބޮޑު ދެރައަކީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ވަރަށް ބޮޑަށް އެކަހެރިވެ، ބާކީވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއާ މެދު ފިޔަވަޅު އަޅައިފި ނަމަ އެ ނިންމުމަށް ބިނާކޮށް އެހެނިހެން ޖަމިއްޔާ، ޖަމާއަތްތަކާއި ގައުމުތަކުން ރާއްޖެއާ ދެމެދު ދެކޭގޮތް ބަދަލުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އިންވެސްޓަރުންގެ އިތުބާރު ހޯދާ ވާހަކަ ސަރުކާރުން ދައްކާއިރު، ކޮމަންވެލްތު ފަދަ ޖަމާއަތްތަކަށް އިންޒާރުދީ، ގޮތް ދޫނުކުރަން ހިފުމަކީ ރާއްޖެ އަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރިއަސް އަދި ވަކިވިއަސް ރާއްޖެ އަށް ލިބޭނެ މާ ބޮޑު ގެއްލުމެއް ނެތް ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެ ޖަމާއަތުގައި ދެމިއޮވެގެން ރާއްޖެ އަށް މިހާތަނަށް މާ ބޮޑު ފައިދާއެއް ނެތް ކަމަށާއި ކޮމަންވެލްތުން ވަކިވުމުން ގެއްލުން ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވެސް ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ސީމެގާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް އެ ޖަމާއަތުން ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދަން ސީމެގުން ވަނީ އަންގައިފަ އެވެ.

ރާއްޖެ އިން ނުވަ ކަމެއް އިސްލާހުކުރަން ކޮމަންވެލްތުން ވަނީ ހުށަހަޅައިފަ އެވެ. ތެރޭގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުމާއި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުމާއި ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމާއި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދޭން ވެސް ސަރުކާރަށް ވަނީ އަންގައިފަ އެވެ.