ކުރިއަށް އޮތް ރޯދަމަހާ ގުޅިގެން ފިހާރަ އާއި ކެފޭ/ރެސްޓޯރަންޓްތައް މިރެއިން ފެށިގެން ބަންދުކުރާ ގަޑި އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

ފިހާރަ އާއި ކެފޭ/ރެސްޓޯރަންޓްތައް ބަންދުކުރާ ގަޑި އާންމުކޮށް އިތުރުކުރަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ވިޔަސް ސަރުކާރުން މި އަހަރު ހަމަޖެއްސި ގޮތުން ހަފުތާއެއްހާ ދުވަސް ކުރިން އެއަށް އަމަލުކުރަން ޖެހެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިރެއިން ފެށިގެން ރޯދަމަސް އަދި ހަ ރޯދަ ނިމެންދެން ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވިފައި ބެހެއްޓޭނެ ކަމަށެވެ. އަދި ކެފޭތައް މިރެއިން ފެށިގެން ރޯދަމަސް ފެށެންދެން ދަންވަރު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ރޯދަމަހާއި ހަ ރޯދަ ނިމެންދެން، ކެފޭތައް ފަތިހު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އާންމު އުސޫލުން ފިހާރަތައް ރޭގަނޑު 10:00 އަދި ކެފޭތަކާއި ރެސްޓޯރެންޓްތައް މެންދަމު 12:00 ބަންދު ކުރަންޖެހޭ ނަމަވެސް ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އެއަށް ވުރެ ލަސް ވަންދެން އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ސަރުކާރުން ދެ އެވެ.