ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅި ގޮތް އޭސީސީއަށް

މި އަހަރު ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިއްޔެ ހުށަހަޅައިފި އެވެ.


މި އަހަރު ހައްޖަށް މީހުން ގެންދަން 16 ކުންފުންޏަކުން ކުރިމަތިލާފައިވާއިރު ކޯޓާ ދިނީ ހަ ކުންފުންޏަކަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅީ ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޔާއަތްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅީ ޕޮއިންޓް ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަން ހުރި ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި އެ ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށް އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅަކު ދައްކަވާފައިވާ ވާހަކައެއްގެ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ.

"މިހާރަ"ށް ވެސް ލިބިފައިވާ އެ އޯޑިއޯގައި އޭނާ ވިދާޅުވެފައިވަނީ ހައްޖާއި އުމުރާއަށް މީހުން ގެންދާނެ ހަތަރު ގްރޫޕެއް މިހާރު ވެސް ހަދައިދީފައިވާނެ ކަމަށާއި އިތުރު ގްރޫޕެއް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މިއީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭ މިނިސްޓްރީއެއްގެ ވެރިޔަކު، ވަޒީފާގެ ނުފޫޒު ބޭނުންކުރެއްވުން ކަމަށް، މިހާރު ވެސް ހިންގަމުން އަންނަ ބައެއް ގްރޫޕްތަކުން ދެކެ އެވެ.

އޯޑިއޯގައި އޭނާ ވިދާޅުވާ ގޮތުގައި އެހެން ހުރިހާ ގުރޫޕުތަކެއްގެ ހުއްދަ ބާތިލް ކޮށްލާނެ އެވެ. އެއަށް ފަހު ދެން ކުރިމަތިލެވޭނީ ފަސް ލައްކަ ރުފިޔާގެ ބިޑު ގެރެންޓީއެއް ބަހައްޓާފައި ޕްރޮޕޯސަލް ގަނެގެން ކަމަށް ވެސް ވިދާޅުވެ އެވެ.

"މަ ބޭނުން ގޮތެއް ހަދާލާނީ،" އޯޑިއޯގައި އޭނާ ވިދާޅުވެ އެވެ.

މި އޯޑިއޯއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ.