ކޮޅުވެއްޓި ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

މިދިއަ އަންގާރަދުވަހު ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ ކޮޅުވެއްޓި ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން މިއަދު އެދިއްޖެ އެވެ.


އެމްއެންޑީއެފުން ބުނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޯކްގެ "މާރިޔާ-3" ހޯދުމުގައި އިންޑިއާގެ އެހީތެރިކަމަށް އެދުމާ ގުޅިގެން، މުމްބާއީގައި ހުންނަ މެރިޓައިމް ސެންޓަރުން އެ އުޅަނދު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މީގެ ސަބަބުން ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް ބެލޭނެ. މިއީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ތ. ވިލުފުށީ ދެމަފިރިއަކާއި ލަންކާގެ ހަތަރު މީހަކު ތިބި ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ޓީއެމްއޭގެ ބޯޓެއްގެ އެހީތެރިކަމާ އެކު ރާއްޖޭގެ ކޯސްޓްގާޑުން ވެސް އަންނަނީ މިއަދު ހެނދުނުން ފެށިގެން ކުރަމުންނެވެ. އެކަމަކު މިހާތަނަށް އެ އުޅަނދުގެ އެއްވެސް ޚަބަރެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދިގު މިނުގައި 168 ފޫޓު ހުރި މާރިޔާ-3 ގެއްލުނީ ލ. ތުނޑީ އަވަށުގައި ހަދަމުން އަންނަ ބަނދަރަށް އެއްޗެހި ހިފައިގެން ދަނިކޮށެވެ. ބަނދަރު ހެދުމުގެ ސާމާނު ހިފައިގެން ތުލުސްދު އަށް ގޮސް، އެ ރަށުން ތުނޑީ އަވަށަށް ދިއުމަށް ކޮޅުވެއްޓި ފުރީ އަންގާރަދުވަހު ހަވީރު އެވެ.

ކޮޅުވެއްޓިން ދަތުރުކުރި ދިވެހި އަންހެންމީހާ ޒުލޭހާ އުސްމާންގެ ފިރިމީހާ އާދަމް ނައީމަކީ އެ އުޅަނދުގެ ކައްޕި އެވެ.