މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ކަމަށް މިހާތަނަށް އެނގިފައިވަނީ ގދ. ތިނަދޫ އަށެވެ.
ރޭ އިރާކޮޅު އެ ރަށަށް އެރިކޮޅިގަނޑެއްގައި އެ ރަށު 15 ގެއެއްގެ ފުރާޅުވަނީ އެއްލާލައފަ އެވެ. އަދި ބޮޑެތި ގަސްތަކާއި ރުއްތައް ވެއްޓި، ބައެއް ގަސްތައް ގޭގޭގެ ފުރާޅު މައްޗަށް ވެސް ވެއްޓިފައިވާ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު މުހައްމަދު އަމްޖަދު މިއަދު ވިދާޅުވި ގޮތުގައި އެއީ ތިނަދޫގެ ތާރީހުގައި އެ ރަށަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.
ބޯ ވިއްސާރަ އާއި ގަދަ ވަޔާއެކު އައި އެ ކޮޅިގަނޑު ގާތްގަނޑަކަށް ވިއްސަކަށް މިނިޓަށް ދެމިގެން ދިޔަ އެވެ.
"ބައެއް ގެތަކުގެ ފުރާޅު އޮތް 200 ފޫޓު ދުރަށް ވެސް އެއްލާލާފައި. ލަކުޑި ރައްކާކޮށްފައި ހުރި ގުދަންތަކެއްގެ ވެސް ފުރާޅު އެއްލާލުމުން، އެ ލަކުޑިތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވޭ،" އަމްޖަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނބުގަސް ކަހަލަ ބޮޑެތި ގަސްތައް ބައެއް ގެތަކުގެ ފުރާޅު މައްޗަށް ވެއްޓި، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވިދާޅުވި އެވެ.
ކޮޅިގަނޑު މައިތިރިވުމުން، ރައްޔިތުންނާއި ކައުންސިލަރުންގެ އިތުރުން ފުލުހުން ނިކުމެ، ގެއްލުން ލިބުނު ގެތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ބައެއް ގެތަކުގެ ފުރާޅު ވަގުތީގޮތުން ހިޔާކޮށްދީ، އެންމެ ބޮޑަށް ގެއްލުން ލިބުނު ގޭގެ މީހުންނަށް ހިޔާވަހިކަން ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެެ.
ތިނަދޫގެ އިތުރުން ލ. މާވަށަށް އިއްޔެ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތައް ވެފައި ވެ އެވެ.
އިއްޔެ ހަވީރު ހަތަރެއް ޖަހާކަންހާއިރު އެ ރަށަށް އެރި ނަގޫރޯޅީގައި ވެސް ބައެއް ގޭގޭގެ ފުރާޅު އެއްލާލައި، ގަސްތައް މުލުން ލުހެލާފައި ވެ އެވެ.
ކައުންސިލް މެމްބަރު މޫސާ ފައިސަލް ވިދާޅުވީ އެ ރަށު ދެކުނު ފަރާތުން އަރައި، އިރުމަތީ ފަރާތުން ނަގޫރޯޅި ފައިބައިގެން ދިޔަ ހިސާބުގައި ހުރި ހުރިހާ ގެތަކަށް އެކިވަރުގެ ގެއްލުން ލިބި، ރުއް ގަހަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.
"ނަގޫރޯޅި އެރި ދެކުނު ފަރާތުގައި ހުރި ގެއަކަށް އެންމެ ބޮޑަށް ގެއްލުން ލިބުނީ ވެސް. އެ ގޭގެ ފުރާޅު އެއްލާލާފައިވާއިރު، ބިތްތަކަށް ވެސް ގެއްލުން ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ރަށުގައި ހުންނަ ރައްޔިތުންގެ ތެޔޮ ފިހާރަ އަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
އުތުރުގެ އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިގެން، ޑިޒަސްޓާ މެނޭޖްމެންޓް ސެންޓަރަށް ރިޕޯޓުކޮށްފައިވަނީ ހއ. އިހަވަންދު އާއި ހދ. ހަނިމާދު އާއި އެ އަތޮޅު ނޮޅިވަރަންފަރުންނެވެ. އެކަމަކު އުތުރުގެ އެ ނޫން ވެސް ގިނަ ރަށްތަކަކަށް މި ވިއްސާރައިގައި ބޮޑެތި ގެއްލުންތައް ލިބިފައިވާކަން އެނގިފައި ވެ އެވެ.
ނޮޅިވަރަމްފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވާ ކަމަށާއި އެކަމަކު ޕަމްޕު ޖައްސައިގެން، އެ ފެންތައް މޫދަށް ބޭރު ކުރަމުން އަންނަ ކަމަށެވެ. އަދި ކޮޅިގަނޑުގައި ގަސްތަކާއި އެއްޗެހި ވެއްޓި އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
"ޕަމްޕު ޖައްސައިގެން ކިރިޔާ ހަމަވަނީ. ވަރަށް ގަދަ މިކޮޅަށް،" މުހައްމަދު ހަސަަން ވިދާޅުވި އެވެ.
ހޯރަފުށީ ކައުންސިލުން ބުނީ އެ ރަށުގައި ވެސް ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަމުންދާ ކަމަށެވެ. އެކަމަކު ރޭ ކައުންސިލް މެމްބަރުންނާއި ބައެއް ރައްޔިތުން އަދި ފުލުހުން ނިކުމެ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޑިޒަސްޓާ މެނޭޖްމެންޓުން ބުނީ ރާއްޖޭގެ އެންމެ އުތުރާއި ގއ. އަތޮޅާއި ގދ. އަތޮޅަށް، މި ވިއްސާރައިގައި ބޮޑެތި ގެއްލުންތައް ލިބިގެން ރިޕޯޓުކުރަމުންދާ ކަމަށާއި އަދި ރަށްތަކަށް ލިބެމުންދާ ގެއްލުންތައް އެތަނުން މިހާރު މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.