ސްރީ ލަންކާގައި ދިވެހި ހުތުބާއާ އެކު ފުރަތަމަ ފަހަރަށް ދިވެހިން މިއަދު ހުކުރުނަމާދަށް ތައްޔާރުވެއްޖެ އެވެ.

ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަޝީދު އާދަމް ވިދާޅުވި ގޮތުގައި މިއީ ސޯސަންވިލާގައި ދިވެހި ހުތުބާއާ އެކު ދިވެހިން ހުކުރުނަމާދު ކުރާ ފުރަތަމަ ފަހަރެވެ. އެހެންވެ، މިއީ ތާރީޚީ ދުވަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ލަންކާގައި މީގެ ކުރިން ވަނީ އީދު ނަމާދުގައި ދިވެހި ހުތުބާ ކިޔައިފަ އެވެ. އެއީ ވެސް ސޯސަންވިލާގަ އެވެ.

އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި ދިވެހި ހުތުބާއާ އެކު ލަންކާގައި ހުކުރުނަމާދު ކުރާނީ މި ރޯދަމަސް ނިމެންދެންނެވެ. އެކަމަކު ރޯދައިގެ ފަހުން ވެސް ސޯސަންވިލާގައި ކުރާ ހުކުރުނަމާދުގައި ދިވެހި ހުތުބާ ކިޔުމާ މެދު ވިސްނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސޯސަންވިލާގައި މީގެ ކުރިން ހަމައެކަނި އީދު ނަމާދު ކުރާނީ ދިވެހި ހުތުބާއާއެކު. ދިވެހި ހުތުބާއާއެކު ހުކުރު ކުރަން ފެށުމަކީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

ސޯސަންވިލާގައި ހުކުރުނަމާދު ނުކުރާތީ، ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން މީގެ ކުރިން ދަނީ އެހެން މިސްކިތްތަކަށެވެ. ނަމަވެސް ލަންކާގައި ބޭނުންކުރާ އެހެން ބަސްބަހުން އެ މިސްކިތްތަކުގައި ހުކުރު ހުތުބާ ދޭތީ ކިޔާ އެއްޗެއް ނޭނގުމަކީ ދިވެހިން ކުރާ ޝަކުވާ އެކެވެ.

"ވަރަށް ގިނަ މީހުން ބުނޭ މިސްކިތްތަކަށް ދިޔައީމަ ތިމަންނަމެންނަށް ކިޔާ އެއްޗެއް ނޭނގެއޭ ހުތުބާގައި. އެހެންވީމާ އެކަމަށް ހައްލެއް ގެނައުމަށް މި ގޮތަށް ހަމަޖެއްސީ،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޯދަމަސް ނިމެންދެން ސޯސަންވިލާގައި ހުކުރު ހުތުބާ ވިދާޅުވެ އިސްވެ، ޖަމާއަތުގައި ނަމާދު ކުރައްވާނީ އެމްއެންޑީއެފްގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުހައްމަދު ޝައްފާހް އެވެ. ޝައްފާހަކީ ހުތުބާ ވިދާޅުވުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ބޭފުޅެއް ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.

ލަންކާގައި 12،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުން ދެ އެވެ. އޭގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ.