ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (އައްޔަ) ފާހަގަވެފައި ވަނީ ޕޯޑިއަމްތަކުގައި ދޫހެލޭ މެމްބަރެއްގެ ގޮތުގަ އެވެ. މަޝްހޫރު ގާނޫނީ ވަކީލެއް ވެސް މެ އެވެ.
އެކަމަކު ވާހަކަ ދައްކަވަން ފަރިތައޭ އެކަނި ބުނެވޭ ކަށް ނެތެވެ. އޭނާއަކީ ކަނޑަށް ވެސް ގަދަ، މަސްވެރިކަމުގައި ވެސް ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މެމްބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަރަށް ގިނައިން މަހަށް ވަޑައިގަނެ އެވެ. ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް ތަޖުރިބާ ކުރެއްވި އެވެ.
އެންމެ ފުރަތަމަ މަހަށް ނުކުމެވަޑައިގަތީ އުމުރުން 13 އަހަރުގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ފޫހިވެވަޑައިނުގެންނެވި އެވެ. ހުއިފިލަނޑާ ނެގުމާއި ލޭނު އެޅުމާއި ދޮށީގެ މަސްވެރިކަން ވެސް އެނގިވަޑައިގަނެ އެވެ.
"ސްކޫލްގައި އުޅެނިކޮށް މުށި މަސް ބާނަން ދިޔަ ހިސާބުން އެކަން ފެށުނީ. އެ ހިސާބުން ރިޔަލު ދޯނީގައި ނުކުމެ ލައްޓި އާއި ފަރު މަސް ބާނާ ހެދިން،" ކެންދުއަށް އުފަން އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލިބޭ ބޮޑު ޗުއްޓީތަކުގައި އޭރު މާ ކަނޑަށް ދޯނީގައި ނިކުންނަވައި އެންދަމައިގެން ދޮށީގެ މަސްވެރިކަން ވެސް ކުރެއްވި އެވެ. އަދި ފަހުން ލޭނު އަޅަން ވެސް ނުކުންނެވި އެވެ.
ސްކޫލް ނިންމެވުމަށް ފަހު އޭނާ މާލެ ވަޑައިގަތީ 2008 ގަ އެވެ. މަތީ ތައުލީމް ހާސިލްރެއްވީ އިންޑިއާގަ އެވެ. އޭރު ލިބިވަޑައިގަންނަވާ ޗުއްޓީތަކުގައި ރަށަށް ވަޑައިގެން ވެސް މަސްވެރިކަން ކުރެއްވި އެވެ.
"މާލެ އަށް އައި ފަހުން މަސްވެރިކަން ކުރަން ދިއުން ވަރަށް ބޮޑަށް މަދުވި،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަންނެއްޔެއް ދަމާލުމަކީ އެއްވެސް ކަމެއް ނޫނެވެ. މަސް ބޭނުން އެއަށް ވުރެ ވެސް ފަސޭހަ އެވެ. މަހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު ރަށަށް އެނބުރި ވަޑައިގަތީ ރަހްމަތްތެރިންނާ އެކު 700 މަސް ބާނައިގެންނެވެ.
އޭނާގެ މަސްވެރިކަމުގައި އެއް ދުވަހު އެންމެ ގިނައިން ބޭނުނީ 3،400 މަހެވެ.
"މެމްބަރަކަށް ހޮވުނު ފަހުން ވެސް ދޭތެރެ ދޭތެރެ އިން ރަށަށް ގޮސް މަހަށް ދަން. އެއީ ވަރަށް ޝައުގުވެރިކަން ހުރެގެން ކުރާ ކަމެއް،" އަލީ ވިދާޅުވި އެވެ.
މަސްވެރިކަމުގައި އުޅެންޏާ ހާދިސާތަކާ ވެސް ދިމާވާނެ އެވެ. އެ ގޮތުން ލޭނު އަޅަން ނުކުތް ރެއެއްގައި ކުރިމަތިވި ކޮޅިގަނޑަކާ އެކު ގަދަ ކަނޑުގައި އުޅެން ޖެހުނު ގޮތް އަދިވެސް ހަނދާނެއް ނުނެތެ އެވެ.
"ދޯނީގައި ގެގަނޑެއް ވެސް ނުހުންނާނެ. އަޅުގަނޑާ އެކު ދޯނީގައި ތިބި އެންމެން ތެމިގެން ތިބެން ޖެހުނީ. ކަނޑު ވެސް އެހާ ގަދަ. ވަރަށް ބިރުގަތް ރެއެއް އެއީ،" އަލީ ވިދާޅުވި އެވެ.
މީގެ އިތުރުން ކަނޑުމަތި އެޅުން ފަދަ ކަންކަން ވެސް ތަޖުރިބާކުރެއްވި އެވެ. ދޯނީގެ ކުރީގައި ހުސް ރެނދަން ލައި، އެކަމުގެ ތެރޭގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނު ހާދިސާ ވެސް ހަނދާނުގައި އެބަ ހުއްޓެވެ.
އަލީގެ ބައެއް ރައްޓެހިން ބުނި ގޮތުގައި އޭނާއަކީ ހުރިހާ ކަމެއް ވެސް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. ބަދިގޭގެ މަސައްކަތުން ފެށިގެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެނގިވަޑައިނުގަންނަވާ ކަމެއް މަދު ވާނެ އެވެ.