ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެެންޓުގައި އަނިޔާވެގެން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހާ އިތުރު ފަރުވާ އަށް މާލެ ގެންނަން މަތިންދާބޯޓު ނައްޓާލި ފަހުން ހާލު ސީރިއަސްވުމުން އަލުން ފުވައްމުލަކަށް ޖައްސައި، އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމައިފި އެވެ.
އެކްސިޑެންޓްގައި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފިރިހެންމީހާ ހިތަދު އަށް ގެންދަން ފުވައްމުލަކުން މިހާރު ވަނީ ސީ އެމްބިއުލެންސް ނައްޓާލައިފަ އެވެ.
ރޭ 10 ޖަހާކަން ހާއިރު ހިނގި މި އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް ވެސް އަނިޔާވި އެވެ.
އެންމެ ހާލު ދެރަވި މީހާ މާލެ ގެންނަން ފުވައްމުލަކުން މަތިންދާބޯޓު ނައްޓާލި ފަހުން ދަތުރުކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސްވީ ކަމަށްވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުން އަނބުރައިލި އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އަދި އެންމެ ބޮޑަށް އަނިޔާވީ ބާރަށް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުގައި އިން މީހާއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މިދިޔަ ހަފުތާގައި މީހަކު ވަނީ މަރުވެފަ އެވެ.