ނައިބު ރައީސް ކަމަށް ޖިހާދު، ހޯމް މިނިސްޓަރަކަށް ޒުހޫރު

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު ނައިބު ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން ދެންމެ އައްޔަން ކުރައްވައިފި އެވެ.


މީގެ އިތުރުން އިއްޔެ ހުސްވި ހޯމް މިނިސްޓަރުކަމުގެ މަގާމަށް، މިހާތަނަށް ޔޫތު މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު ޒުހޫރު، ފިނޭންސް މިނިސްޓަރުކަމަށް އަހުމަދު މުނައްވަރު، ހެލްތު މިނިސްޓަރު ކަމަށް އަބްދުﷲ ނާޒިމް އިބްރާހިމް، ޖެންޑަ އެންޑް ފެމިލީ މިނިސްޓަރަކަށް އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމަށް، މިހާތަނަށް ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އިރުތިޝާމް އާދަމް ވަނީ އައްޔަން ކުރައްވައިފަ އެވެ.

ކެބިނެޓަށް އަލަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މުނައްވަރު މިހާތަނަށް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ނާޒިމް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަކަށެވެ. ޒެނީޝާ އެންމެ ފަހުން ސަރުކާރުގައި މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓްރީގަ އެވެ.

ނައިބު ރައީސް ކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު އަދީބެވެ. ނަމަވެސް ރައީސް ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި، އޮކްޓޫބަރު 26، 2015 ގައި އަދީބު ހައްޔަރުކުރުމާ ގުޅިގެން ނައިބު ރައީސްކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވައި ގިނަ ދުވަސްތަކެއް ވާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތެވެ.

ޖިހާދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ތިންވަނަ ނައިބު ރައީސެވެ. ނޮވެމްބަރު 17، 2013 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސަކީ މުހައްމަދު ޖަމީލް އަހުމަދެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހުން ޖުލައި 2015 ގައި ވަކިކުރުމުން މަގާމު ގެއްލުނީ އެވެ. އޭގެ ފަހުން ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ރައީސް ޔާމީނާ އެ ދުވަސްވަރު އެންމެ ގާތްގުޅުމެއް ބޭއްވި އަދީބެވެ.

ކެބިނެޓަށް ގެނައި ބަދަލުތަކުގެ މިނިސްޓަރެއްގެ މަގާމު ހުސްވެގެން، ބޭފުޅަކު އައްޔަން ކުރެއްވީ ހޯމް މިނިސްޓްރީއަށް އެކަންޏެވެ.

ހޯމް މިނިސްޓަރުކަމަށް ޒުހޫރު މިއަދު އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އުމަރު ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. އުމަރު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމަނުކުރެއްވި ނަމަވެސް، ގޭންގްތަކާ ދެކޮޅަށް އޭނާ ކުރެއްވި މަސައްކަތުގައި ބޮޑެތި ޕްރެޝަރުތަކެއް އޭނާ އަށް ވަނީ ކުރިމަތިވެފަ އެވެ. އުމަރު އިސްތިއުފާ ދެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން، އަދީބުގެ ޑީއެންއޭގެ ސާމްޕަލް ފެނިފައިވާ ކަމަށް، ނާޒިމްގެ ވަކީލުންގެ ޓީމުން ރޭ ހާމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.