ރޯދަމަހުގެ ރޭތައް އިހުޔާކުރުމުގެ ޕްރޮގްރާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން އެމަނިކުފާނު މިހާރު ވެސް ކުރިއަށް ގެންދަވާ ވަރަށް ބޮޑު އާދައެކެވެ. އެކަމަކު ރޭ އޮތް އިހުޔާކުރުމުގެ ޖަލްސާގައި އެހެން މަންޒަރެއް ވަނީ ފެނިފަ އެވެ؛ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ކަމެވެ.
ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު 1980 ހިސާބުގައި ފެއްޓެވި ރޯދަމަހުގެ ރޭތައް އިހުޔާކުރުމުގެ ޕްރޮގްރާމް، 2008 ގެ އިންތިހާބުގައި އެމަނިކުފާނު ބަލިވެވަޑައިގަތް ފަހުން ބާއްވަމުން ގެންދަވަނީ މައުމޫން ފައުންޑޭޝަނުންނެވެ. އެކަމަކު މި ރޯދަމަހު ރާއްޖެއިން ބޭރުގައި އުޅުއްވުމުން، މިފަހަރުގެ ހަމައެކަނި ޖަލްސާ ބޭއްވެވޭވަރު ވީ ރޭގަ އެވެ.
ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ރާއްޖެ އޮތް އިރު ރޭގެ ޖަލްސާގައި ފެނުނީ މިހާރުގެ އިދިކޮޅު ފަރާތްތަކުން މައުމޫން ދޫނުކުރާނެ ކަމެވެ. އެހެންކަމުން އެމްޑީޕީ އާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން، ރޯދަމަހުގެ މާތްކަމާ ބެހޭ ގޮތުން މައުމޫން ދެއްކެވި ވާހަކަފުޅު އަޑުއައްސަވަން ވަޑައިގަތެވެ.
މައުމޫން ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފަ އެވެ. އަދި މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އިދކޮޅު ފަރާތްތަކާ އެކުގަ އެވެ.
ޝީ ބިލްޑިންގައި އޮތް ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ތިއްބެވި އެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ތަނަކުން ފުރަތަމަ ފަހަރަށް އުމަރު ނަސީރު ވެސް ރޭ ފެނުނެވެ.
ރޭގެ ޖަލްސާގައި ޣައްސާން މައުމޫން ފިޔަވައި، މައުމޫންގެ ހުރިހާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވުމަށް ފަހު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި މިހާރު ހުންނެވި ދުންޔާ މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މައުމޫން ވިދާޅުވީ ކަންތައްތައް ދިމާވި ގޮތުން ޖަލްސާތައް ނުބޭއްވޭނެ ކަން މައުމޫން ފައުންޑޭޝަނުން އެންގުމުން ވަރަށް ގިނަ ބަޔަކު ގުޅައި، ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. މާލެ ވަޑައިގެން އެންމެ ޖަލްސާއެއް ނަމަވެސް ބާއްވަވަން ނިންމެވީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މައުމޫން މާލެ ވަޑައިގަތުމުން ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެމަނިކުފާނަށް މަރުހަބާ ކި އެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައި ހިމެނޭ އާންމުންގެ އެތައް ބަޔަކު މައުމޫނަށް މަރުހަބާ ކިޔަން މާލޭގެ ރަސްމީ ފާލަން ކައިރިއަށް އެއްވި އެވެ.