ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ: ޖަމީލް

ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ލީޑަރުން އަމާޒަކަށް ހަދައިގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން މަޖިލީހުގެ ބައެއް މެމްބަރުންނަށް ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް ރިޝްވަތު ދެއްވިކަމުގެ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ފުލުހުން ބުނި މައްސަލާގައި، ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާރިސްގެ އިތުރުން އިދިކޮޅު މެމްބަރުންނާއި ސިޔާސީ ލީޑަރުން އަމާޒަކަށް ހެދުން ފުލުހުން ހުއްޓާލަން ގޮވާލައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު މަގާމުން ވަކި ކުރަން އިދިކޮޅު ފަރާތްތަކުން 45 މެމްބަރުންގެ ސޮޔާއެކު، މަޖިލީހަށް އިއްޔެ ވެއްދުމާއެކު ސިޔާސީ އެކިއެކި ބޭފުޅުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރަން ވަނީ ފަށައިފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން މަޖިލިހުގެ ބައެއް މެމްބަރުންނަށް ފާރިސް ރިޝްވަތު ދެއްވިކަމުގެ ހެއްކާއި ގަރީނާ އެބަ ހުރި ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ މިއަދު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރަކަށް އަދި އެހެން ބަޔަކަށް ވެސް ރިޝްވަތު ނުދެއްވާ ކަމަށާއި ރިޝްވަތު ހުށަހެއް ވެސް ނާޅުއްވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ (ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޑީޑީ) ގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައި އޮތުމަށް ފަހު އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.