ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިިދިޔަ މާޗްމަހުގެ ތެރޭގައި ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ޝަކީލް ހުކުމް އިއްވަވަމުން ވިދާޅުވީ ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވީ ރިޔާޒާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކާއި ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށް ވުމާއި އޭނާ ދެކޮޅަށް ހެކިބަސް ދިން ހެކިންގެ ބަހުގައި ފުށުއެރުންތައް ހުރުމުންނެވެ.

ރިޔާޒްގެ ފޯނު ހިފެހެއްޓި ރޭ ފޯނާ އެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ސަބަބަކީ ކުށެއް ކުރަނިކޮށް ފެންނަ ހާލަތެއްގައި ފިޔަވައި އެހެން ހާލަތްތަކުގައި މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ކަމަށް މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގައި ބުނާއިރު ރިޔާޒް އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުށެއް ކުރަނިކޮށް ފެނިގެން ކަމަށް ނުވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޯޓު އަމުރެއް ނެތަސް، ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ ހައްގު ބޭނުން ކުރުން ކަމަށް ރިޔާޒްގެ ވަކީލުން ބުނާ ބުނުމާ ގުޅިގެން ގާޒީ ވިދާޅުވީ ކޯޓުތަކުން އަންގާ އެންގުންތަކަށް ތަބާވުން އެންމެންގެ މައްޗަށް ލާޒިމްވާ ކަމަށެވެ.

މިއަދުގެ ޝަރީއަތަށް ފަހު، ރިޔާޒްގެ ގާނޫނީ ވަކީލުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މިއަދުގެ ޝަރީއަތަށް ފަހު، ރިޔާޒްގެ ގާނޫނީ ވަކީލުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ފަނޑިޔާރުން އަމަލު "ކުރާނީ" ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމުން އޭގެ މާނައަކީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ފަނޑިޔާރުން ނިންމާ ނިންމުންތަކަކަކީ ގާނޫނީ އިމުގެ ތެރެއިން ނިންމާ ނިންމުންތަކެއް ކަމަށް ބަލަން ޖެހުން ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ. އެހެންވެ، އިސްތިއުނާފީ ކޯޓަކުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކޯޓުތަކުގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް ރިޔާޒްގެ ވަނީ އެ ފޯނު ފުލުހުންނަށް ހުޅުވައި ދީފަ އެވެ. އެހެންވެ، އެ ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅަން ރިޔާޒްގެ ވަކީލުން އެދުނަސް އެ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދިޔައީ ކޯޓު އަމުރަކުން އަންގާފައިވާ އެންގުމަކާ މެދު ދެ ފަރާތެއްގެ ދެމެދުގައި ސުވާލުތަކެއް އުފެދިފައި އޮތުމުން، އެއީ މައުޟޫއީ ގޮތުން މައްސަލަ ބަލައި ގޮތެއް ނިންމަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.

ގާޒީ ޝަކީލްގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ގާޒީ އާދަމް އާރިފާއި ގާޒީ އަލީ އާދަމެވެ.

ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުވި ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. މި ހުކުމުން މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް އެ ހުކުމުގެ މުއްދަތުގައި އޭނާ އަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވޭނެ އެވެ.