ކްރިމިނަލް ކޯޓުން މިއަދު އޭނާގެ މައްޗަށް އިއްވި ހުކުމަކީ އަދުލުވެރިކަމާ އެކު ޝަރީއަތްތައް ހިނގާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެއީ ސިޔާސީ މީހުންނަށް ލިބުނު ވަރަށް ބޮޑު ނަސްރެއް ކަމަށް ވެސް ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ހުޅުވައިނުދިން ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއިން ރިޔާޒް ވަނީ މިއަދު ސަލާމަތްވެވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ރިޔާޒުގެ ތަހުގީގުގައި ފުލުހުން ހެކި ހޯދާފައި ވަނީ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

މިއަދުގެ ޝަރީއަތަށް ފަހު ކޯޓުގެ ބޭރުގައި ގާނޫނީ ވަކީލުންނާ އެކު ރިޔާޒް ނޫސްވެރިންނަށް ވިދާޅުވީ ޝަރީއަތުގެ އެކި މަރުހަލާގައި "އަޅުގަނޑު ދެއްކި ވާހަކަތައް ފަނޑިޔާރުން ފާހަގަކުރެއްވި" ކަމަށާއި އެ ޝަރީއަތް ފެށުނީއްސުރެ ނިމުމާ ހަމައަށް ދިޔައީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެކަން އޭނާގެ ވަކީލުން ވެސް ފާހަގަކުރެއްވި އެވެ.

"މިއިން އެނގެނީ އަދުލުވެރިކަމާ އެކު ވެސް ޝަރީއަތްތައް ހިނގާނެ ކަންް،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތަށް ފަހު، ރިޔާޒް ކޯޓުން ނުކުމެވަޑައިގެން އެސްއޯ ފުލުހަކާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މިއަދުގެ ޝަރީއަތަށް ފަހު، ރިޔާޒް ކޯޓުން ނުކުމެވަޑައިގެން އެސްއޯ ފުލުހަކާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރިޔާޒް ވިދާޅުވީ ޝަރުއީ ދާއިރާއާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ތުހުމަތުކުރާ ކަމަށާއި ސިޔާސީ މީހުން ފިކްސް ކުރަމުންދާ ކަމުގެ ވާހަކަތައް ވެސް ދެކެވެމުންދާ ކަމަށެވެ.

"ސަރުކާރުން އެކި ތުހުމަތު އަޅުވައިގެން ފިކްސް ކުރަން މަސައްކަތް ކުރާނެކަން ސިޔާސީ ދާއިރާގައި އުޅޭ މީހުންނަށް ވެސް އެނގެން ޖެހޭނެ. އެކަން އެނގިގެން މަސައްކަތް ކުރަންް ވެސް ވާނީ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެކަހަލަ މައްސަލަތައް އެބަހުރި. ސިޔާސީ މީހުންގެ މައްސަލަތައް އަވަހަށް ބާރަށް ކުރިއަށް ގެންދާ ކަން ވެސް އަޅުގަނޑު ފާހަގަކުރަން."

ރިޔާޒް ވިދާޅުވީ އޭނާ އަކީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތުގައި 25 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެއް ކަމަށާއި މިއަދުގެ ހުކުމުން ވެސް އެނގުނީ އެކަން ކަމަށެވެ.

"އަޅުގަނޑަކީ ގާނޫނު ތަންފީޒުކުރުގެ މަސައްކަތުގައި އުޅުނު މީހެއް. ދެން ވެސް އެކަމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

ގާނޫނާ ޚިލާފަށް ކުރާ އަމުރަކަށް ކިޔަމަން ވާން ނުޖެހޭނެ ކަމަށް ވިދާޅުވެ، ރިޔާޒް ފުލުހުންނަށް ވިދާޅުވީ ހުކުމެއް ކޮށްގެން ވީހާ އަވަހަކަށް އޭނާ ޖަލަށް ލާން ފުލުހުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ސިޔާސީ މީހުންނަކީ ވެސް ދައުލަތުގެ ބަޖެޓަކުން ހަރަދުކޮށްގެން މަސައްކަތް ކުރާ ބައެއްކަން ދަންނަން ޖެހޭ ކަމަށެވެ.

ރިޔާޒު ވަނީ ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ އަލުން ބަލަން ގޮވާލައްވައިފަ އެވެ.

ރިޔާޒުގެ ވަކީލުންގެ ތެރޭގައި ހިމެނޭ ހިސާން ހުސެން ވިދާޅުވި ގޮތުގައި މިއަދު އިއްވީ ވަރަށް ރަނގަޅު ހުކުމެކެވެ. އޭގެ އެއް ސަބަބަކީ ކޯޓަށް ހުށަހަޅާ ފުށުއެރުންތައް ބޮޑު ހެކިތައް ޝަރީއަތުން ބަލައިނުގަތުމެވެ.

އެހެން ވަކީލެއް ކަމަށްވާ އަލީ ޒާހިރު ވިދާޅުވީ ރިޔާޒުގެ މުޅި ޝަރީއަތުގައި ވެސް ފެނުނީ ދިފާއީ ވަކީލުން ފާހަގަކުރި ހުރިހާ ނުކުތާއަށް ވެސް ފަނޑިޔާރުން ރިއާޔަތްކުރެއްވި ކަމަށެވެ. މިއަދުގެ ހުކުމް ޚާއްސަ ވަނީ ރިޔާޒު ސަލާމަތްވެވަޑައިގަތުމުން އެކަނި ނޫން ކަމަށާއި ދިފާއީ ވަކީލުންގެ ނެގި ހުރިހާ ނުކުތާއަކަށް ވެސް ބެއްލެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ގިނަ އުއްމީދުތަކެއް ލިބުނު ޝަރީއަތެއް،" ޒާހިރު ވިދާޅުވި އެވެ.