ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ވެސް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް މުހަންމާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށާއި ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނުތަކަށް ގެންނަން މަސައްކަތް ކުރާ ބަދަލުތަކަކީ، އޭގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، ރައްޔިތުންގެ ފަރާތުން އަޑުއުފުލުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ އެ ޕާޓީން ވަކިވީ ކަމަށް މުހަންމާގެ ސިޓީގައިވެ އެވެ.

މިވަގުތު ސްރީ ލަންކާގައި އުޅުއްވާ މުހަންމާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެ ޕާޓީން ސޮއިކުރެއްވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ހަ މެމްބަރަކު ވަނީ ޕީޕީއެމުން ވަކިވެފަ އެވެ. އެއީ މުހަންމާގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވަނީ އެ ޕާޓީން ވަކިވެފަ އެވެ.

މި ހަ މެމްބަރުން ޕީޕީއެމުން ވަކިވުމާ އެކު، އެކު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 38 އަށް ވަނީ ވެއްޓިފަ އެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދަކީ މިހާރު 43 އެވެ.