ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީން ވަކިވެފައި ވަނިކޮށް، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވެސް އެ ޕާޓީން މިރޭ ވަކިވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޝާހު ޕީޕީއެމުން ވަކިކޮށްދޭން އެދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލަށް ފޮނުއްވި ސިޓީގައި ވަނީ ޕާޓީން ވަކިވީ ސިޔާސީ ކަންކަން ހިނގަމުންދާ ގޮތުން، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާ އެކު މަޖިލީހުގައި ވޯޓު ދެއްވަން ކަމަށެވެ.

ވީ އެންމެ އަވަހަކަށް ޕީޕީއެމްގެ ދަފްތަރުން އޭނާ ވަކިކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގައި ދިނުމަށް އެ ސިޓީގައި ވަނީ ޝާހު އެދިވަޑައިގެންފައިވެ އެވެ.

ޝާހު ނިސްބަތް ވަނީ ޕީޕީއެމަށް ފުވައްމުލަކުގައި އެންމެ ބޮޑު ސަޕޯޓެއް އޮތް ދާއިރާ އަށެވެ.

ޝާހު ޕީޕީއެމުން ވަކިވުމާ އެކު އެ ޕާޓީން ވަކިވި މެމްބަރުންގެ އަދަދު 10 އަކަށް މިހާތަނަށް ވަނީ އަރައިފަ އެވެ. މިއަދު އެކަނި ވެސް ހަ މެމްބަރަކު ޕީޕީއެމުން ވަކިވެފައި ވާއިރު އެ ޕާޓީއަށް މަޖިލީހުގައި އޮތް އަޣުލަބިއްޔަތު މިހާރު ވަނީ ގެއްލިފަ އެވެ.

މިހާރު ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގައި މިހާރު ތިއްބެވީ 39 މެމްބަރުންނެވެ.

ޕީޕީއެމުން ކުއްލިއަކަށް މެމްބަރުން ވަކިވާން ފެށީ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.