ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ ފްލެޓް އަޅަން ޒުވާނުންގެ މަރުކަޒުގެ ބައެއް ހުސްކުރަނީ

ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ ފްލެޓުތަކެއް އެޅުމަށް މާފަންނު ސޯޝަލް ސެންޓަރުގައި ހިންގަމުން އަންނަ ކުޅިވަރު ޖަމިއްޔާތަކުގެ އޮފީސްތައް ހުސްކުރަން ފަށައިފި އެވެ.


ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަސްފަންނު ތަރައްގީކުރުމުގެ ޕްލޭނުގައި ހިމެނޭ "ހައި އެންޑް ވޯޓާ ފްރަންޓް ރެސިޑެންޝަލް" މަޝްރޫއާ ގުޅިގެން ކުޅިވަރު ފަސް އެސޯސިއޭޝަނެއްގެ ބިން ހުސްކޮށްދިނުމަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އެއީ ނެޓްބޯޅަ ކޯޓާއި ޓީޓީ ހޯލާއި ޓީޓީ އެސޯސިއޭޝަންގެ އޮފީހާއި ބާސްކެޓްބޯލް އެސޯސިއޭޝަންގެ އޮފީހާއި ބަށިބޯޅަ އެސޯސިއޭޝަން އޮފީސް ހިންގާ ބިމެވެ.

އެކަން މިދިޔަ މަހުގެ 14 ވަނަ ދުވަހު ޖަމިއްޔާތަކަށް އަންގާފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

ނެޓްބޯޅަ ކޯޓު ވިލާ ކޮލެޖު ކުރިމަތީގައި އޮންނަ ހުސް ބިމަށް، ޓީޓީ ހޯލާއި ޓީޓީ އެސޯސިއޭޝަންގެ އޮފީސް ހެންވޭރު މުނިއުފާއަށް ވަނީ ވަގުތީގޮތުން ބަދަލުކޮށްފަ އެވެ. ޓީޓީ ހޯލާއި ޓީޓީ އެސޯސިއޭޝަންގެ އޮފީސް ކުޅިވަރު އެކުވެންޏާ އިންވެގެން އިރަށް ގާއިމްކުރަމުންދާ އިމާރާތަށް ބަދަލުކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ އޮފީހާއި ބަަށިބޯޅަ އެސޯސިއޭޝަންގެ އޮފީހުގެ މަސައްކަތްތައް ވަގުތީގޮތުން ބަދަލުކުރަން ހަމަޖައްސާފައިވަނީ ބޯޅަ ގެއަށެވެ.

ރަސްފަންނު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި އެ ސަރަހައްދުގައި ޕެވީލިއަންއަކާއި ދުވާ ޓްރެކެއް ހެދުން ހިމެނެ އެވެ. ނަމަވެސް އަދި ވެސް އެއްވެސް މަސައްކަތެއް ނުނިމެ އެވެ.

އެ ސަރަހައްދުގައި މަތީ ފެންވަރުގެ ފްލެޓް އެޅުމަށް މިދިޔަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން އިއުލާނުކުރި އެވެ.