ކޮރަލް ބޮލެވާޑްގެ މަސައްކަތަށް ބަންދުކުރި މަގު ހުޅުވާލަނީ

ތާޖުއްދީން ސްކޫލްގެ ފުރަގަހުގައި، ކޮރަލް ބޮލެވާޑް މަޝްރޫއުގެ ފްލެޓްތައް އިމާރާތް ކުރަން ބަންދުކުރި ބޮޑުތަކުރުފާނު މަގު ހުޅުވައިލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.


އެ ފްލެޓް އަޅަން ނިންމާފައި އޮތީ އައިޖީއެމްއެޗާ ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ޓިނު ޖަހައި، އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިރޭ ވިދާޅުވީ އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަކީ އާއްމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި މި ސަރުކާރުން ވައުދުވި ގޮތަށް އެ މަގު ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަފުތާގެ ނިޔަލަށް އެ މަގު ހުޅުވާލެވޭނެ ކަމަށް އަޅުގަނޑުމެން ލަފާކުރަނީ. އޭރުން އެ ސަރަހައްދުން ދަތުރުކުރުމުގައި ލުއި ފަސޭހަވެގެންދާނެ،" ޝާމިން ވިދާޅުވި އެވެ.

ބޮލެވާޑް މަޝްރޫއު ކުރިއަށް ގެންދިޔަ ސިންގަޕޫރު ކުންފުނިން ނިންމީ، 70،000 އަކަ ފޫޓުގެ ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު އެޅުމަށެވެ. އެ މަސައްކަތް ފަށާފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ނިންމާފައި އޮތީ މާލޭގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ނުގެންދާށެވެ.

ކޮރަލް ބޮލެވާޑްގެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލު ކުރަން ނިންމައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް ވެސް ހައުސިން މިނިސްޓްރީން އެދުނެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޝަންހުއާ އަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމާށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން އޮތީ އެއްބަސްވެފަ އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.