މަސީހު ސަލާމަތް ކުރުމުގެ ހުރިހާ މަގެއް ސަރުކާރަށް ބަންދުވެއްޖެ: އިދިކޮޅު ފަރާތްތައް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް އަމުރު ނެރުމާ އެކު ޕީޕީއެމުން ވަކިވި 10 މެމްބަރުންގެ ގޮނޑި ކަށަވަރުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމު ދިފާއުކުރުމުގެ ހުރިހާ މަގެއް ސަރުކާރަށް ބަންދުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.


ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ މަސީހާ ދެކޮޅަށް ކުރެއްވި ސޮއި އަނބުރާ ގެންދެވުމަށް، ޕީޕީއެމުން ވަކިވެވަޑައިގަތް 10 މެމްބަރުންނަށް އެ ޕާޓީން އެންގީ ވެސް ވޯޓަށް ނުފޫޒު ފޯރުވައި ބިރު ދައްކަން ކަމަށެވެ. ޕާޓީއާ ގުޅުމެއް ނެތް މެމްބަރުންތަކެއް އަމަލުކުރަންވީ ގޮތް އަންގައި ސިޓީީ ފޮނުވުމުގެ ހައިސިއްޔަތެއް އެ ޕާޓީ އަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެމްބަރުންނަށް ވެސް ސިޓީ ފޮނުވައި ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް މި ހިންގަމުން ދަނީ. ޕާޓީން ވަކިވި 10 މެމްބަރުންނަކީ ޕީޕީއެމްގެ މުސްތަޝާރަށް ބަލަދުއަރާ ބައެއް ނޫން. މުސްތަޝާރަށް ސިޓީ ނުފޮނުއްވޭނެ އެ މެމްބަރުން ސޮއި ނަގަން އަންގަވައި، އަދިވެސް މި ބަލަނީ ބިރުދައްކައި ނުފޫޒު ފޯރުވައިގެން މެމްބަރުން ހިފެހެއްޓޭތޯ،" އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ފޮނުވައިގެންނާއި ކޯޓުތައް މެދުވެރިކޮށްގެން މެމްބަރުންނަށް ބިރުދެއްކިއަސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ނުހުއްޓުވޭނެ އެވެ. އެމަނިކުފާނުގެ މަގާމު ވޯޓުން މިފަހަރު ގެއްލުވާލާނެ ކަމަށާއި އެ އަޒުމުގައި މަޖިލީހުގެ 45 އަށް ވުރެ ގިނަ މެމްބަރުން ސާބިތުވެވަޑައިގެން ތިއްބެވި ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ ކަށަވަރުކަން ލިބިފައިވާ ކަމަށެވެ. ޕީޕީއެމުން ކުރިން ވަކިކޮށްފައިވާ ހަތަރު މެމްބަރުންގެ ވެސް ގޮނޑި ގެއްލުވާ ނުލެވޭނެ ކަން އެ ހުކުމުން ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު ޝިދާތާ ވިދާޅުވި ގޮތުގައި މެމްބަރުންނަށް ބިރުދައްކައި ފިއްތައިގެން ސަރުކާރަށް ލިބޭނެ ކާމިޔާބީއެއް ނެތެވެ.

"މިހާރު ސުވާލެއް ނެތް، 24 ވަނަ ދުވަހުގެ ވޯޓާ ގުޅިގެން އެއްވެސް މެމްބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ. ޕީޕީއެމުން ވަކިވެފައި ތިބި މެމްބަރުންނަށް ސިޓީ ފޮނުވުމުގެ ހައިސިއްޔަތެއް ނެތް،" ޝިދާތާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީސް މިނިވަންކުރާށެވެ. އެކަން މިފަހަރު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ..