އުމަރުގެ އަބުރާ ބެހުނު މައްސަލަ ބަލައި ނުނިމޭ

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ ބަލައި ނުނިމޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.


ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ވިދާޅުވީ އުމަރުގެ އަބުރާ ބެހުނު ކަމަށް ބުނެ، އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ނިމުމުން އެޅި ފިޔަވަޅެއް ކޮމިޝަނުން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ހުށަހެޅުއްވި މައްސަލައިގެ ތަހުގީގު ނުނިމި ލަސްވާ ސަބަބާ ގުޅޭ ގޮތުން ނާސިހު ވިދާޅުވީ ބައެއް މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ކުރިން ގިނަ މައުލޫމާތުތަކެއް ހޯދަން ޖެހޭ ކަމަށެވެ. އެހެންވެ، ބައެއް މައްސަލަތައް ނިންމުމަށް ވަގުތު ނަގަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީވީއެމާއި ޗެނަލް 13 އިގެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން އުމަރު ކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ އޭޕްރީލް ފަހެއްގަ އެވެ. އަދި މައްސަލަ ބަލަން ފެށި ކަން ކޮމިޝަނުން ހާމަކުރީ އެ މަހުގެ 18 ގަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަމަށް ޕީޕީއެމްގެ ޖަލްސާއެއްގައި ފަލާހް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، އުމަރު ވިދާޅުވި ގޮތުގައި އެއީ އޭނާގެ އަބުރަށް އަރައިގަތުމެވެ. ފަލާހްގެ މައްސަލަ ބަލައިދިނުމަށް އެދި އުމަރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

އުމަރު ކުރިން ވިދާޅުވީ މިނިވަން 50ގެ އެކި ހަރަކާތްތަކާ ގުޅޭ ކަންކަން އެކި ފަރާތްތަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ.

ދެ ޓީވީ ޗެނަލްގެ މައްސަލަ ބަލައިދިނުމަށް އުމަރު ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުއްވީ އަބުރުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، ވަގުތުން ގެނެސްދޭ އިވެންޓެއްގައި، ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލަން ޖެހެ އެވެ.

ޓީވީއެމާއި ޗެނަލް 13ގެ މައްސަލަ ސާބިތުވެއްޖެ ނަމަ، އަބުރުގެ ގާނޫނުގެ ދަށުން އެއިން ކޮންމެ މީޑިއާއެއް 50،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

އުމަރު ވިދާޅުވީ އޭނާގެ އަބުރަށް ފަލާހް އަރައިގެންފައި ވަނީ އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާ ފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސަބަބެއް ކަމަށް ކަމަށް އުމަރު ދެއްކެވީ ފަލާހް އެ ވިދާޅުވާ ފަދަ ކަމެއް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައި ނުވާތީ އެވެ.

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަންތައް ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ރީބްރޯޑްކާސްޓް ކުރުމާ ގުޅިގެން މީޑިއާ ނެޓުން ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އަދި އެ ފައިސާ މިދިޔަ ހަފްތާގައި އެ ކުންފުނިން ވަނީ ކޮމިޝަނަށް ދައްކައިފަ އެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން ދެ ފަހަރެއްގެ މަތިން ޖޫރިމަނާ ކުރި އެވެ. އެގޮތުން ރާއްޖެ ޓީވީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ.