ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް މަސައްކަތްޕުޅު ކުރެއްވުނީތީ، އެކަމާ ހިތާމަފުޅު ކުރައްވައި ދިވެހި ރައްޔިތުންގެ ކިބައިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެންމެ މާފަށް އެދިވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން "އަޅުގަނޑު ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން" ކަމަށެވެ.
"...އެކަމުގެ ޒިންމާ، އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އެޅޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ ވަރަށް ބޮޑަށް ހިތާމަކުރަން. ވަރަށް ބޮޑަށް ދެރަވަން. ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް ވެސް އެދެން،" ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާ މެދު ހިތާމަފުޅު ކުރައްވައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން މައުމޫން ވިދާޅުވި އެވެ.
ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެމްބަރުން ހެޔޮ ނިޔަތުގައި ވެރިކަމަށް ހޮވި ބޭފުޅަކު އެ ޕާޓީގެ ފަލްސަފާ އާއި ފިކުރާއި އުސޫލުތަކާ ޚިލާފަށް ކަންތައް ކުރައްވާތީ އެކަމާ އެމަނިކުފާނު ހިތާމަކުރައްވަ އެވެ.
ރައީސް ޔާމީންގެ އެއްބަފާ ބޭބެ މައުމޫން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރަނީ ގާނޫނުތަކާ ޚިލާފަށެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތްޕުޅު ކުރެއްވުނީތީ ރައްޔިތުންގެ ކިބައިން މައުމޫން މާފަށް އެދިވަޑައިގެންނެވުމާ އެކު، މިރޭގެ ޖަލްސާ އަށް ދިޔަ އެންމެން ތެދުވެ، އެމަނިިކުފާނަށް މަރުހަބާ އާއި ޝުކުރު ދެންނެވުމުގެ ގޮތުން އަތް ޖަހައި ތާއީދު އޮތްކަން ހާމަކުރި އެވެ.
މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ އަދި އާލާސްކަންފުޅާ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށްޓަކައި ބުރަ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ގާސިމްގެ ތާއީދު ރައީސް ޔާމީނަށް ހޯއްދަވައި އެކަމުގައި އުޅުއްވީ ވެސް މައުމޫން ވިދާޅުވި ގޮތުގައި ސީދާ އެމަނިކުފާނެވެ.
މައުމޫން ވިދާޅުވީ ގާސިމާ ދޭތެރޭގައި ވެސް މި ސަރުކާރުން ކަންތައް ކުރާ ބޭއިންސާފު އަދި ގާނޫނާ ޚިލާފު ގޮތްތައް ފެންނަމުންދާ ކަމަށެވެ.
"ރާއްޖެ އިން ހެދެން ނެތް ޓެސްޓުތަކެއް، ސްކޭންތަކެއް ކުރުމަށްޓަކައި އެމަނިކުފާނު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވި. އެހެން ނަމަވެސް އެކަމުގެ ހުއްދައެއް ނުލިބުނު. ހުޅުލެ އަށް ވަޑައިގެންނެވި ތަނުން އަނބުރާ ފޮނުވާލައިފި. މިއީތޯ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ؟ ކޮންމެ މީހަކަށް ވެސް އެ މީހަކަށް ލިބެންވާ ހައްގުތައް ލިބެން ޖެހޭނެ. އެއީކީ ވަކި ގާސިމް އިބްރާހީމް ވީމަކާ ނޫން،" މައުމޫން ވިދާޅުވި އެވެ.
ނޭވާ ކުރުވެ އަދި ނޭވާލުމުގައި އުނދަގޫތަކެއް ވެ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގާސިމް ފުރަތަމަ މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު، އިތުރު ފަރުވާ އަށް އެ ރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވުމުން އެކަން ނުވީ އޭނާގެ ޕާސްޕޯޓް ހަމަ އެ ދުވަހު ހިފެހެއްޓުމުންނެވެ. އެހެންވެ ހުޅުލޭ އެއާޕޯޓުން ސީދާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި ގޮތަށް އަންނަނީ އެތަނުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.
ގާސިމްގެ މައްޗަށް ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް އުފުލައިފަ އެވެ.