ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެނިގެން ދިޔަ މަންޒަރަށް ބަލާއިރު، މީގެ ފަހުން މަޖިލީހުގައި ވޯޓަކަށް ފުރުސަތު ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
އިދިކޮޅު ކޯލިޝަންގެ މެމްބަރުން މިއަދު ގަދަކަމުން މަޖިލީހަށް ވަނުމުން ސަލާމަތީ ބާރުތަކުން މަޖިލީހަށް ވަދެ، މެމްބަރުން މަޖިލީހުން ނެރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ އެ ކޯލިޝަނުން މަސައްކަތް ކުރަމުން އަންނަނީ ވޯޓަކަށް ގޮސްގެން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރަން ކަމަށާއި އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ.
މަސީހުގެ މައްސަލައިގައި ކުރިން މަޖިލީހުގެ އުސޫލުތައް ބަދަލު ކުރި ކަން ފާހަގަ ކުރައްވައި، މަހްލޫފް ވިދާޅުވީ މިއަދު ފެނިގެން ދިޔަ މަންޒަރަށް ބަލާއިރު ވޯޓަކަށް ދާނެ ފުރުސަތު ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު އެ ކޯލިޝަންގެ މެމްބަރުން ތިބީ ފަހަތަށް ޖެހޭ ފަދަ ގޮތަކަށް ނޫން ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް މި ދަންނަވަނީ މަޖިލީހުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުލައިދޭށޭ އޭރުން މަސީހު ރީތިކޮށް ބޭރު ކުރާނަމޭ. އެކަމަކު މިއަދު ފެނިގެންދިޔަ ކަންކަމަށް ބަލާއިރު ރީތިކޮށް ވޯޓުލުމަށް ފުރުސަތު ދީފާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ކުރިމަގުގައި އެ ކޯލިޝަނުން މަޖިލީހުގައި މަސައްކަތް ކުރާނީ ކިހިނެއް ކަން އަދި ނުނިންމަ އެވެ. މެމްބަރުންނަށް ހުރަސް އެޅުމުން މުޅި ދުނިޔެ ސަރުކާރަށް މަލާމާތް ކުރަމުންދާ ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ނަން ހަޑި ކުރަނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މަޖިލިސް ބަންދު ކުރަން ސަރުކާރުން ބޭނުން ވިޔަސް މަޖިލީހަށް ވަނުމުގެ ފުރުސަތު މިއަދު މެމްބަރުންނަށް ލިބުނީ ފުލުހުންނާއި ސިފައިން އެ ފުރުސަތު ދިނުމުންނެވެ. އެކަމަކު މެމްބަރުންނަށް ހުރަސް އެޅުމަށާއި އަނިޔާވެރިކޮށް މެމްބަރުން ނެރުމަށް ސަލާމަތީ ބާރުތަކުގެ ބައެއްް މީހުން މަސައްކަތް ކުރި ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ފުލުހުންނާއި ސިފައިން ވެސް އަޅުގަނޑުމެންނަށް އެ ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލު ކުރަނީ ކަމަށް. އެހެންވީމަ އަޅުގަނޑުމެންނަށް ވަދެވުނީ. އެހެން ނަމަވެސް ވަން ގަޑީގައި އަދި އެ ތަނުގައި ތިބި ގަޑީގައި ވަރަށް އަނިޔާވެރިކޮށް ޕެޕާ ސްޕްރޭ ޖަހައި، ވަރަށް އަނިޔާވެރިކޮށް މެމްބަރުން ނެރުނުއިރު ނެރެފައި ވެސް ވަނީ،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި އެއްވެސް ހުރަހެެއް ނެތި މަޖިލިސް މެމްބަރުންނަށް އެ ތަނަށް ވަދެވޭނެ އެވެ. މެމްބަރުން އެ ތަނަށް ވަނުން އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި އެ ކަމަށް ހުރަސް އެޅުމަކީ ކުށެއް ކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވި ފަރާތްތަކަށް އެކަމުގެ އަދަބު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު
"މަޖިލީހަކީ ޗުއްޓީގައި އޮންނައިރު ވެސް ބަންދު ތަނެއް ނޫން. ހުޅުވިފައި އޮންނަ ތަނެއް." މަހްލޫފް ވިދާޅުވި އެވެ.