ބްރިޖާއި އެއާޕޯޓު ޗައިނާ އަށް ދީގެން އަދީބަށް ނުވަ މިލިއަން ޑޮލަރުގެ "ކަޓެއް"؟!

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުނިތަކަކަށް ދީގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނުވަ މިލިއަނެއްހާ ޑޮލަރު (136 މިލިއަން ރުފިޔާ)ގެ ބޮޑު ކޮމިޝަނެއް ލިބޭ ގޮތަށް އެއްބަސްވިކަން ހާމަވެއްޖެ އެވެ.


"މިހާރު" އަށް ލިބިފައި ވަނީ އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ޗައިނާގެ އެޖެންޓަކާ އެކު ކުރެއްވި އެއްބަސްވުމެއްގެ ކޮޕީއެކެވެ. މިއީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އަދީބު ހައްޔަރުކޮށް، އެ މަނިކުފާނާ ގުޅުން ހުރި ތަންތަން ފާސްކުރުމުގެ ތެރޭގައި ފެނުނު ލިއުންތަކުގެ ތެރޭގައި އޮތް އެއްބަސްވުމެކެވެ.

ޔޫ ޑޫ ކިޔާ ޗައިނާގެ އެޖެންޓަކާ އެކު ހަދާފައިވާ "އެޖެންސީ އެގްރިމެންޓު"ގައިވާ ގޮތުން ބްރިޖު އެޅުމާއި އެއާޕޯޓު ތަރައްގީ ކުރުން އެއީ އެއް މަޝްރޫއެއްގެ ގޮތުގައި ނިންމަވައި އެއީ އިންޖިނިއަރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން (ޑިޒައިން ކުރުމާއި ތަކެތި ހޯދުން އަދި އަމަލީ މަސައްކަތް ވެސް ކޮންޓްރެކްޓަރު ކުރާ ކަހަލަ) މަޝްރޫއަކަށް އަދީބު ހައްދަވާނެ އެވެ. އެ މަޝްރޫއަށް ހަރަދު ކުރާނީ ޗައިނާ ސަރުކާރުން ދޭ ލޯނަކުން ކަމަށް ހަދަން ވެސް އެއްބަސްވެފައިވެ އެވެ.

"މި ބަދަލުތައް، މަޝްރޫއު ހިންގާ ފަރާތާއި [ސަރުކާރާއި] މަޝްރޫއުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރާ [ޗައިނާގެ ކުންފުންޏާ] ދެމެދު ހަދާ އެމްއޯޔޫ އަށް ގެންނާނެ އެވެ،" ޖެނުއަރީ 11، 2014 ގައި ކޮށްފައިވާ އެއްބަސްވުމުގައިވެ އެވެ.

އެއާޕޯޓު ތަރައްގީ ކުރާ ގޮތުގެ މޮޑްލްއެއް: މި މަޝްރޫއުގައި ހިމެނޭ ޗައިނާގެ ލޯނުން ހަރަދު ކުރާ ބައިގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބެލެވޭ. -- ފައިލް ފޮޓޯ: ރައީސް އޮފީސް

އާއްމުކޮށް ހުޅުވާލެވިފައިވާ ބީލަަމަކަށް ދިއުމުގެ ބަދަލުގައި މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ކަނޑައަޅަން އަދީބު އެއްބަސްވެވަޑައިގެންފައި ވަނީ ޗައިނާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރުމުން ސީދާ އެ ކުންފުނިތަކާ މަޝްވަރާކޮށްގެންނެވެ. އެކަމަކު، ސަރުކާރުން ކުރިން ބުނެފައި ވަނީ ބްރިޖުގެ ބިޑުގެ ކަންކަން ކުރިއަށް ގެންދިޔައީ ސީދާ ޗައިނާ ސަރުކާރުން ކަމަށާއި ރާއްޖޭގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

އެކަން އަދީބު ކުރައްވައިފި ނަމަ، މުޅި މަޝްރޫއުގެ އަގުގެ ދެ ޕަސެންޓް، ކޮމިޝަންގެ ގޮތުގައި އަދީބަށް ދޭން ޔޫ ޑޫ އެއްބަސްވެފައިވެ އެވެ. އެ އަދަދު އަދީބަށް ދޭނީ ބައި ބަޔަށް ބަހާލައިގެންނެވެ. މަޝްރޫއުގެ އެމްއޯޔޫގައި ސަރުކާރާއި ޗައިނާ ކުންފުނިން ސޮއި ކުރާތާ 10 ދުވަހުގެ ތެރޭގައި ގަނޑުކޮށް އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަދީބަށް ލިބިވަޑައިގަންނަވާނެ އެވެ. ބާކީ ބައި ދޫކުރާނީ އެކި ފަހަރު މަތިންނެވެ. އެ ގޮތުން، ސަރުކާރުން ޗައިނާ ކުންފުންޏަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު، ކޮމިޝަންގެ ވަކި ވަރެއް 10 ދުވަހުގެ ތެރޭގައި އަދީބަށް ދޭނެ އެވެ.

"[މަޝްރޫއުގެ] އެއްބަސްވުމުގައި ސޮއި ނުކޮށްފި ނަމަ ނުވަތަ އެ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ، 10 ދުވަހުގެ ތެރޭގައި ގަފޫރު [އަދީބު] އެ ފައިސާ [ޔޫ] ޑޫ އަށް އަނބުރާ ދޭނެ އެވެ،" އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާއަކަށް އަދީބު ހުންނެވިއިރު ހަދާފައިވާ އެއްބަސްވުމުގައިވެ އެވެ.

މި އެއްބަސްވުމުގައި އަދީބުގެ ނަމުގެ ގޮތުގައި "އަހުމަދު އަދީލް އަބްދުލްގަފޫރު" ޖަހާފައި އޮތަސް، މީގައިވާ ޕާސްޕޯޓު ނަމްބަރާއި ސޮއި އަދީބުގެ ޕާސްޕޯޓު ނަމްބަރާއި ސޮޔާ ދިމާވާކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ. އަދި އެހެން ގޮތް ގޮތުން ވެސް މި އެއްބަސްވުމުގެ ސައްހަކަން ޔަގީން ކުރެވިފައިވެ އެވެ. އެކަމަކު، ޗައިނާގެ އެޖެންޓަކީ ކާކުކަން އެނގޭ ގޮތެއް ނުވި އެވެ. ބެލެވޭ ގޮތުގައި ސަރުކާރާއި ޗައިނާ ކުންފުނިތަކާ ދެމެދު މުއާމަލާތް ކުރީ އޭނާ މެދުވެރިކޮށެވެ.

ރައީސް ޔާމީން މިދިޔަ ޑިސެމްބަރު މަހު ބްރިޖު މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ލިމިޓެޑުންނެވެ. މިއީ ޖުމްލަ 210 މިލިއަން ޑޮލަރު (3.2 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބުނު 126 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) އާއި ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ 12.6 މިލިއަން ޑޮލަރު (193 މިލިއަން ރުފިޔާ) އަދި ޗައިނާ އިން ދިން ލޯނެއް ހިމެނެ އެވެ. ޗައިނާ އިން ލޯނުގެ ގޮތުގައި ނެގި މިންވަރު ހާމަކޮށްފައި ނުވިޔަސް، ޖުމްލަ އަގުގެ ތެރެއިން ހިލޭ އެހީ އާއި ބަޖެޓުން ހަރަދު ކުރާ މިންވަރު ކެނޑުމުން ބާކީ އޮންނާނީ 72 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، ބެލެވޭ ގޮތުގައި ޗައިނާ އިން ދިނީ އެ ވަރުގެ ލޯނެކެވެ.

މިކަހަލަ ކަމެއްގައި ވޯލްޑް ބޭންކުން ވަނީ ސީސީސީސީ ބްލެކްލިސްޓު ކޮށްފަ އެވެ. ފިލިޕީންސްގެ މަގު ހެދުމުގެ މަޝްރޫއެއް ރިޝްވަތު ދީގެން ހޯދިކަން ސާބިތުވެގެން 2009 ގައި އެޅި އެ ފިޔަވަޅުގެ ސަބަބުން ވޯލްޑް ބޭންކުން ހަރަދު ކުރާ އެއްވެސް މަޝްރޫއެއްގައި އެ ކުންފުންޏަށް ބައިވެރިއެއް ނުވެވެ އެވެ. އެކަމަކު، މި އަހަރުގެ ނިޔަލަށް އެޅި މި ފިޔަވަޅުގެ ހުރަހެއް އެހެން ފަރާތްތަކުން ހަރަދު ކުރާ ނުވަތަ ހިންގާ މަޝްރޫއުތަކަކަށް ނޭޅެ އެވެ.

ބްރިޖާ ގުޅޭ ފުރަތަމަ އެމްއޯޔޫގައި ސޮއި ކުރީ ޗައިނާގެ ރައީސް ޝީ ޖިންޕިން ސެޕްޓެމްބަރު 2014 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހަދަން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ދިނުމާ ބެހޭ އެ އެމްއޯޔޫގައި ސޮއި ކުރެއްވީ ވެސް އަދީބެވެ. މަޝްރޫއުގެ އަސްލު މަސައްކަތަށް އެހީ އަދި ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރީ އޭގެ ފަހުންނެވެ. އަދި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކޮށް، އެ މަޝްރޫއު އިފްތިތާހު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ބްރިޖުގެ ފީސިބިލިޓީ ދިރާސާ ހަދަން އެހީ ދިނުމާ ގުޅޭ އެއްބަސްވުމުގައި މިދިޔަ ސެޕްޓެމްބަރު މަހު އަދީބު ސޮއި ކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރަން ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހޭދަ ކުރެ އެވެ. މުޅިން ލޯނު ނަގައިގެން ހިންގާ މި މަޝްރޫއަށް ޗައިނާ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނެވެ. އެ ލޯނު ފައިސާ އިން ހަދާ 3.2 ކިލޯމީޓަރުގެ އާ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. ދެން ހުރި ބައިތަކަށް ހަރަދު ކުރަނީ ކުވޭތު ފަންޑާއި އަބޫ ދާބީ ފަންޑު އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދިން ލޯނުންނެވެ.

މި މަޝްރޫއުތަކުގެ މުޅި އަގުގެ ދެ ޕަސެންޓުގެ ކޮމިޝަނެއް އަދީބަށް ލިބޭ ގޮތަށް އެއްބަސްވެފައި ވިޔަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި އެއްބަސްވުން ހެދީ ބްރިޖާއި އެއާޕޯޓަށް ޗައިނާ އިން ދޭ ލޯނުތަކުން ހަރަދު ކުރާ މަޝްރޫއުގެ ބައިތައް ޗައިނާގެ ކުންފުނިތަކަށް ދޭން ވެގެންނެވެ. އެ ލޯނުތަކުގެ ޖުމްލަ އަދަދު 445 މިލިއަން ޑޮލަރަށް (6.8 ބިލިއަން ރުފިޔާ އަށް) އަރަ އެވެ. އެހެންވެ، އަދީބާއި ޗައިނާގެ އެޖެންޓާ ދެމެދު ކުރި އެއްބަސްވުމުގެ ދަށުން، އަދީބަށް އެންމެ މަދުވެގެން ވެސް 8.9 މިލިއަން ޑޮލަރު (136 މިލިއަން ރުފިޔާ) ކޮމިޝަންގެ ގޮތުގައި ލިބިވަޑައިގަންނަވާނެ އެވެ.

އެކަމަކު، މި އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ އަދީބަށް ލިބިވަޑައިގެންނެވި ކަމެއް ނޭނގެ އެވެ.

ކޮރަޕްޝަންގެ މައްސަލައިގައި އިއްވި ހުކުމަށް ފަހު އަދީބު އަނބުރާ ޖަލަށް ގެންދަނީ: އަދީބު ހިމެނިވަޑައިގަންނަވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދަނީ ބަލަމުން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަދީބުގެ ކޮރަޕްޝަން މައްސަލައިގައި މީގެ ކުރިން ފެންނަން އޮތީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކޮށްގެން ވަގަށް ނެގި 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އެވެ. މިއީ ސަރުކާރުން ހިންގާ މަޝްރޫއެއްގައި ކޮރަޕްޝަން ހިމެނޭކަން ހާމަވި ފުރަތަމަ ފަހަރެވެ. އެހެންވެ، އަދީބު ވަގަށް ނެގި ކަމަށް ބުނާ ފައިސާގެ އަދަދު ރަސްމީ އޮޑިޓުން ދައްކާ ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

ޖުމްލަ 33 އަހަރަށް އަދީބު ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު މައްސަލަ އަދި ކޮރަޕްޝަންގެ މައްސަލައެއް ހިމެނެ އެވެ. އެ ކޮރަޕްޝަން މައްސަލައިގައި، އަދީބާ ގާތް ދެ ބޭފުޅުން ކަމަށްވާ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް އަހަރަށް އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ވަނީ ޖަލަށް ލައިފަ އެވެ.

މީގެ އިތުރުން ވެސް، އަދީބު ހިމެނިވަޑައިގަންނަވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.