މިއަދަކީ މި ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ކަޅު އަނދިރި މިނިވަން ދުވަސް ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސީންގެ އަތް ދަށުން ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 52 އަހަރުވުމާ ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރިފައި މިވަނީ މި ފަސްގަނޑުން މިނިވަންކަން މޮޑެވިފައިވާ ވަގުތެއްގައި ކަމަށެވެ. އަދި މި ދުވަސް ފާހަގަކުރާއިރު މިނިވަންކަން އޮތްތޯ ސުވާލު އުފެދޭ ކަމަށް ވެސް، އާއިލާއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
މިއީ ރާއްޖޭގެ އެންމެ ކަޅު އަނދިރި މިނިވަން ދުވަސްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ސިފަކުރެއްވިއިރު، މި ދުވަސްވަރަކީ ސިޔާސީ ގޮތުް ހަލަބޮލި ދުވަސްކޮޅެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ތަފާތު އެކި މައްސަލަތުކުގައި ސަރުކާރާ އިިދިކޮޅު ފަރާތްތަކުން ހައްޔަރުކޮށް މުޒާހަރާތަކާއި ހިޔާލު ފާޅުުކުރުމުގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ.
މިނިވަންކަމަށް ކަނޑައަޅާފައިވާ ދުސްތޫރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ވީދާލާފައި ކަމަށާއި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށްދިނުމަށް އިންތިހާބުކޮށްފައިވާ މެމްބަރުންގެ ހައްގުތައް ވެސް ސަރުކާރުން ވަނީ ފޭރިގެންފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ވަޒަންކޮށް ގާއިމްކުރާ ކޯޓުތައް ވަނީ ގާނޫނު ނެގެހެއްޓުމަށް އުޒުރުވެރިވެފަ އެވެ. ރައްޔިތުންގެ މިނިވަންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ ހުވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން ފެންްނަނީ ރައްޔިތުންގެ މިނިވަންކަމާއި ހައްގުތަކަށް ފަރުވާލެއް ނެތި އަރައިގަންނަވާ ތަނެވެ،" ޖަމީލުގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އުފައްދާފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާތަކުން ވެސް ދަނީ ސަރުކާރުގެ އަނިޔާވެރި ކޮންމެ އަމަލަކަށް ލޯ މަރާލައިގެން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުންދާ ތަންތަނުގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.
ބަޔާން ނިންމާލައްވަމުން ޖަމީލް ވަނީ ގައުމަށް ދިމާވެފައި މިވާ އަނިޔާވެރި ހާލަތުން މި ގައުމު ސަލާމަތްކޮށް މި ގައުމުގެ މިނިވަންކަން ރައްކާތެރިކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފަ އެެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު، ރާއްޖޭގެ މިނިވަންދުވަހުގެ ރަސްމީ ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް އިއްޔެ ރާއްޖެ ވަޑައިގެންފައިވާއިރު ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވަނީ ތަފާތު އެއްބަސްވުންތައް ގާއިމްކޮށްފަ އެެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އެއްބަސްވުންތަކާއި ވިޔަފާރި އާއި ހާރިޖީ ގުޅުންތަކުގެ އެއްބަސްވުންތައް ހިމެނެ އެވެ.
މިނިވަން ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ޑެޑްލޮކަކަށް ދާ ގޮތަށް ކަމަށެވެ. އެއީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުސަތުތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ގޮތަށް މި ނިޒާމު ހަމަޖެހިފައި އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.