ނ. މާޅެންދޫގައި "ދަންޖެހިގެން" މަރުވި ކަމަށް ބުނާ 11 އަހަރުގެ ކުއްޖާ މިއަދު ވަޅުލައިފި އެވެ.
މާޅެންދޫގައި މިދިޔަ އަންގާރަ ދުވަހު ދަން ޖެހިގެން މަރުވި ކަމަށް ބުނާ ކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރުމުން އިތުރު ތަހުގީގު ކުރުމަށްޓަކައި އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މޯޗަރީގައި އޮތީ ބާއްވައިފަ އެވެ. އެ ކުއްޖާގެ މަރުގެ ސަބަބު ދެނެގަތުމަށް އައިޖީއެމްއެޗްގައި ޓެސްޓްތަކެއް ހެދުމަށް ފަހު އެ ކުއްޖާ ވަޅުލީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާގަ އެވެ.
އެ ކުއްޖާގެ މަރާ ބެހޭގޮތުން ހެދި ޓެސްޓްތަކުގެ ނަތީޖާއާ ބެހޭގޮތުން ފުލުހުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. ފުލުހުން މިއަދު ބުނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ ކުއްޖާގެ ހަށިގަނޑު އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
"ފުލުހުންގެ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހަށިގަނޑު ވާނީ އާއިލާއާ ހަވާލު ކޮށްފައި. މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާ "ދަންޖެހިފައި" ހުރި ކަމަށް އެރަށު މީހުން ބުނަނީ ކޮޓަރީގެ ދޮރުގެ ތަޅެއްގަ އެވެ. އެ މަންޒަރު ފެނުނީ އެ ކުއްޖާގެ މަންމަ އަށް އެކަނި ކަމަށް އެރަށު މީހުން ބުނެ އެވެ.