ލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ވަކިކުރަނީ

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު މަގާމުން ވަކިކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.


އެނގިފައިވާ ގޮތުގައި ޒާހިޔާ އަށް ވެސް އެކަން އެންގުމާ ގުޅިގެން އެނބުރި ރާއްޖެ ވަޑައިގަތުމުގެ ތައްޔާރީތައް އޭނާ މިހާރު އަންނަނީ ވަމުންނެވެ. އަދި އަންނަ ހަފުތާ ފެށޭ ހިސާބުގައި ޒާހިޔާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެ އެވެ.

ޒާހިޔާގެ ބަދަލުގައި ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރައްވާނެ ބޭފުޅެއް އަދިއެއް ނޭނގެ އެވެ. ނަމަވެސް ރާއްޖެ އިން ޖަޕާނަށް ދާދި ފަހުން ކަނޑައެޅި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ލަންކާ އަށް ބަދަލު ކޮށްފާނެ ކަމަށް ބެލެވެ އެވެ.

ކުރީގެ ރައީސް ނަޝީދު، އެމްޑީޕީގެ އިސްވެރިންނާ މިދިޔަ ޖެނުއަރީ މަހު ލަންކާގައި ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ

ލަންކާ އަކީ އިދިކޮޅު ހަރަކާތުގެ އިސް ގިނަ ބަޔަކު ދިރިއުޅުއްވަމުން ގެންދަވާ ތަނަކަށް މިހާރު ބަދަލުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ގައުމުގައި އުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި އެ ގައުމުގައި ރާއްޖޭގެ އިދިކޮޅު ހަރަކާތް ވަރުގަދަ ކުރަމުން ދާއިރު، އެ ހަރަކާތުގެ ގިނަ ބަޔަކު އެއް ތަނަކުން ބައްދަލުވަނީ ވެސް ލަންކާގަ އެވެ.

ސިއްހީ އަދި ޗުއްޓީ އަށް ގިނަ ދިވެހިންތަކެއް ދަތުރުރުކުރާ ލަންކާ އަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ހަރަކާތްތައް، 2003 ގައި، ނުރަސްމީކޮށް ފެށި ގައުމު ވެސް މެ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މޭ 2014 ގައި އައްޔަން ކުރި ޒާހިޔާ އެ މަގާމުން ވަކިކުރަން އެންގި ސަބަބެއް ނޭނގެ އެވެ.

ރައީސް އަބްދުﷲ ޔާމީނާ އެކު ބެއިރޫތުގައި ކިޔަވާ ވިދާޅުވި ޒާހިޔާ، ލަންކާގެ ސަފީރު ކަމަށް އައްޔަން ކުރުމުގެ ކުރިން ވެސް ދިރިއުޅުއްވީ ލަންކާގަ އެވެ. އެކަމަކު މިހާރު ރާއްޖެ ބަދަލުވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އެނގިފައިވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005-2008 އަށް ވަޒީރުކަން ކުރެއްވި ޒާހިޔާ އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވީ ތައުލީމީ ދާއިރާގަ އެވެ.