ކަސްޓަމްސް އަކީ ރާއްޖޭގެ ތަރައްގީގެ ބޮޑު ހިއްސާއެއް އަދާކުރާ މުއައްސަސާއެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ 127 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަނީ އިގުތިސާދީ ބޮޑެތި ކުރިއެރުންތަކެއް ލިބުމުން ކަމަށާއި އޭގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކަސްޓަމްސް އިން ކަމަށެވެ. ކަސްޓަމްސް މެދުވެރިކޮށް، ދަައުލަތަށް ނުވަ ބިލިއަން ރުފިޔާ ލިބިފައިވާ ކަން ފާހަގަ ކުރައްވައި، އަޒްލީން ވިދާޅުވީ ގައުމެއް ކުރިއެރުމުގައި ކަސްޓަމްސް އަކީ ވަރަށް މުހިންމު މުއައްސަސާއެއް ކަމަށެވެ.
"ޝައްކެއް ނެތް ގޮތުގައި ރާއްޖޭގެ އިގުތިސާދަށް އާމްދަނީ އިތުރު ކުރުމުގެ މަސައްކަތް އެހެން މުއައްސަސާތަކުން ކުރައްވަމުން އެބަ ގެންދަވާ. އެހެން ނަމަވެސް މިހާ ދިގު ތާރީޚެއް އޮތް، މިހާ ވަރުގަދަ ޚިދުމަތެއް ކޮށް ދެއްވާފައިވާ މުއައްސަސާއެއް ނެތް،" ކަސްޓަމްސް އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާ ކަން ފާހަގަ ކުރައްވައި، އަޒްލީން ވިދާޅުވި އެވެ.
ރާއްޖޭގެ ޖީޑީޕީގެ ދެ ގުނަ މިހާރު އިތުރު ވެފައިވާއިރު، ޖީޑީޕީގެ ބޮޑު ބައެއް ވެސް ހިއްސާކުރަނީ ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީން ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ. އަދި ބޮޑެތި މަޝްރޫއުތަކަށް ގެންނަ މުދާ ފަސޭހައިން އެތެރު ކުރެވޭނެ ނިޒާމާއި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ލުއި ފަސޭހަތަކެއް ކަސްޓަމްސް އިން ހޯދައި ދީފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"މިދެންނެވި ޚިދުމަތްތަކަކީ ކިޔާލަން ފަސޭހަ ޚިދުމަތްތަކަކަށް ވިޔަސް މިއީ ބުރަ، އެހެން ނަމަވެސް ވަރަށް މުހިންމު އަދި ބޮޑެތި ޚިދުމަތްތަކެއް." ކަސްޓަމްސްގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ހައިސިއްޔަތުން އަޒްލީން ވިދާޅުވި އެވެ.
ރާއްޖެ އިގުތިސާދުގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް ކަސްޓަމްސް އިން މުހިންމު ދައުރެއް އަދާ ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ވެސް އެ އިދާރާ އިން އިން ގިނަ މަސައްކަތެއް ކުރަމުންދާ ކަން އަޒްލީން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް 56 ކިލޯގެ މަސްތުވާތަކެތި އަދި މި އަހަރުގެ މިހާތަނަށް 26 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.
"މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެެތި އަތުލައިގަތުމުގައި ކަސްޓަމްސްގެ އިންޓަގްރިޓީ މިހާ ސާބިތުކަމާ އެކު ދިވެހި ރައްޔިތުންނަށް ދައްކަވައި ދެއްވި ކަމީ ދިވެހިރާއްޖެ އަކީ ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރެވިފައިވާ، ވަރުގަދަ ބަހާތަކެއް އެކުލެވޭ ގައުމެއް ގޮތުގައި މިއަދު މިވަނީ ފެނިގެން ގޮސްފައި،" އަޒްލީން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަ އިސްކަމެއްް ކަސްޓަމްސް އިން ދެމުން އަންނަ ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހިނގަމުންދާ ސަރަހައްދަށް މުދާ ބޭލުމުގެ ހުއްދަ މިދިޔަ އަހަރު ވެސް 2،000 އަށް ވުރެ ގިނަ އުޅަނދަށް ދީފައިވާ ކަމަށާއި ބޮޑެތި މަޝްރޫއުތަކަށް އެތެރެކުރި މުދަލުން ބޮޑު އަދަދަކުން ޑިއުޓީ ކަނޑާލާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެކި ކަންކޮޅުތަކުގައި ހިނގި ޕްރޮޖެކްޓްތަކަށާއި އަލަށް ހަދާ ރިސޯޓްތަކުގެ މަސައްކަތަށް 1.4 ބިލިއަން ރުފިޔާގެ ޑިއުޓީ މައާފް ކޮށްފައިވޭ. މިއީ ގާތްގަނޑަކަށް 9.5 ބިލިއަން ރުފިޔާގެ މުދަލަށް ޖެހޭ ޑިއުޓީ،" ޝަރީފް ވިދާޅުވި އެވެ.
އެ ޖަލްސާގައި ކަސްޓަމްސް އަށް ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވާއިރު ކަސްޓަމްސްގެ އެކި ދާއިރާތަކުގެ މުވައްޒަފުންނަށް ޚާއްސަ ކޮށްފައިވާ އާ ޔުނިފޯމްތައް ވެސް މިރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.