މާލޭގެ ބޮޑު ސަރަހައްދަކުން ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓު ކެނޑުނީ އެތަނުގެ ބޮޑު ދެ ޖަނެރޭޓަރު ކުއްލި ގޮތަކަށް ނިވުމުން ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކޮށް، އެކި ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަންޓު ދިނުމަށް ނަގާ ވަގުތުކޮޅެއް ދެން ނަގާނީ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލެ އިން ގިނަގިނައިން ކަރަންޓު ކެނޑެން ދިމާވި މައްސަލާގައި ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު މިދިޔަ ޖޫން މަހު ވިދާޅުވެފައި ވަނީ މާލޭގައި މިހާރު ކަރަންޓް އުފެއްދުމުގައި މައްސަލައެއް ނެތް ކަމަށާއި ކަރަންޓް ކެނޑެނީ ކޭބަލް ނެޓްވޯކް މާބޮޑަށް ބަލިކަށިވުމުން ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ މާލޭގައި އަޅާފައިވާ ކޭބަލް ނެޓްވޯކަކީ ވަރަށް މުސްކުޅި ނެޓްވޯކެއް ކަމަށެވެ. އަދި މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މިންވަރާ ބަލާއިރު މިހާރު އަޅާފައިވާ ކޭބަލްތައް މާބޮޑަށް ބަލިކަށިވުމުން ބައެއް ފަހަރު ލޯޑް ނުހިފެހެއްޓޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.