ސްޓެލްކޯ އިން ބުނީ، މަސައްކަތް ކުރިއަށް ދާ ވަގުތު ކޮންމެ ސަރަހައްދަކުން ގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ ކަމަށް.
22 އޯގަސްޓް 2025 - 19:32
ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެ ސަރަހައްދަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6-10 އަށް އެ އިންޖީނުގެ ނިއްވާލަން ނިންމާފައިވާ ކަމަށެވެ.
"މި މަސައްކަތް ކުރިއަށްދާ ވަގުތު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ އެވެ. މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ އެވެ،" ބަޔާނުގައި ބުންޏެވެ.
އެކަމަކު، ސްޓެލްކޯ އިން ބުނީ، ކަރަންޓު ކަނޑާލާ ހާލަތުގައި ވެސް ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތައް ނުވަތަ "ކްރިޓިކަލް އިންފްރާސްޓްރަކްޗާ" އަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި މިރޭ އެސްއެމްއެެސްތައް ފޮނުވަމުން ދާނެ އެވެ.
"މި ކުންފުނީގެ އަމާޒަކީ މި މަސައްކަތް ތާވަލު ކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ހިދުމަތް ގެނައުމެވެ،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
"މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ."
މެދުކެނޑުމެއް ނެތި މާލެ އާއި ހުޅުމާލެ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މޭޖާ މަސައްކަތެއް ކުރަން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑާނެކަން ސްޓެލްކޯ އިން އިއުލާންކުރިއިރު، މިދިޔަ ޖޫން 1 އާއި މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑިފައިވެ އެވެ. އޭގެ ފަހުން ސްޓެލްކޯ އިން ބުނެފައި ވަނީ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި ކަންކަން ހައްލު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބެ
23 August 2025
ކަރަންޓް ކަޑަނީ ތެޔޮ ނެތިގެން. ލާރި ނެތިގެން. 1 ގަޑި އިރަށް ކަޑާލިޔަސް 25000 ފީފާ ތެޔޮ ސަލާމަތް ވޭ. އިންޖީނަކަށް ދިމާވި ޓެކްނިކަލް މަސައްކަތެއް މިނޫނީ ނޭނގި ނެތް.
ފެކްޓްް
23 August 2025
އެންމެ އިންޖީނަކަށް އޮޅިގެން ކިނބިއްސެއް އެޅުނަސް މުޅި މާލެއިން ކަރަންޓު ކެނޑޭ. ތިނޫން ދުވަހެއް އާދޭތަ. އަބަދުވެސް ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރަން ނޫންތަ އަބަދުވެސް ކަރަންޓު ކަނޑަނީ. އާ އެއްޗެއް ކިޔާބަލަ. މުޅި މާލެވަށާ ސޯލާ ޕެނަލް ބެހެއްޓިއަސް ކަލޭމެންނަށް ކަރަންޓު ނުކަނޑާ އެއްކަމެއްވެސް ނުވޭދޯ! ދެން ކީއްތަ ތިކުރަނީ މޮޅެތި ސޮފްޓްވެއަރތަކާ އެވޯރޑުތައް ހޯދައިގެން. މިއީ 1980 ގެ އަހަރުތަކެއް ނޫންވިއްޔާ.
ޢެޑްމުންޑޯ
22 August 2025
ގަބޫލުކުރަންޖެހޭ ހަގީގަތެއް ، ވޭތުވެ ދިޔަސަރުކާރުތަކުން ކަރަންޓް ގެ މައްސަލަ ތަރައްގީ ނުކުރުމުގެ ހިތިނަތީޖާކަން މިފެންނަނީ ، މިއީ ވަކިބަޔަކު އައިސްގެންވާކަމެއްނޫން ، އިންޖީނުތަށް އާނުކުރުމާއި ބޭނުންވާ ވަރުގެ ޖަނެރޭޓަރ ސެޓްތައް ނެތުމުން ދިމާވާ މައްސަލަތަށް ، މިސަރުކާރުންވެސް މިކަމަށް އެކަށީގެންވާ ހައްލެއްނުހޯދާދީ ވެރިކަން ނިންމާލާފިނަމަ ، ދެންނަ އަންނަ ސަރުކާރަކަށްވެސް ޖެހޭނީ މިހާލު ، އިރު އިރުކޮޅާ ކަރަންޓޭ ކިޔާ މީހުން ހަޅޭލަވާނީ ވެރިމީހާއަށް.
ސަމްސިއްޔާ
22 August 2025
މިހާރު އެބަ ފަހުމުވޭ. ތީގެ މާނައަކީ މިދިއަ ދުވަސްތަކިގައި ކަރަންޓް ކެނޑެން ދިމާވީ އެ އިންޖީނަށް ދިމާވާ މައްސަލަ އަކިންނޭތަ؟؟ އަދި މާލެ ސަރަހައްދުގައި މިހާރު ކެޕޭސިޓީ ބެކަޕް ނެތްކަން، ޢިންޖީނަށް ބޮޑު މައްސަލައެއް ދިމާވެއްކިއްޔާ ދެން؟؟
ޒުއިމް
22 August 2025
ގަރުދިޔަ އާއި ބަތާ ކައިގެން ކަރަންޓާނުލާ އުޅެން ދިވެހިން އެބަ ދަސްކުރަންޖެހޭ
މުހައްމަދު.
22 August 2025
ކޮންމެ މަހަކުވެސް 2 ފަހަރު 3 ފަހަރު ކަރަނޓް އެބަދޭ.. އަދި އެވަރުން ނުވެގެން މުހިންމު މަސައްކަތް އެބަ ކަރަނޓް ކަނޑާލާ... ސްޓެލްކޯއިން ވެއްޖޭނުން ކަރަނޓް ބިލުގައިވާ ސަބްސިޓީ ކަނޑާލާފަ ކޮންމެ ގެޔަކަށް ޖަނަރޭޓަރެއް ހިލޭ ދޭން..
ޑެބީ
22 August 2025
ފަހުމީ ހަވާލުވިފަހުން ހާދަވަރަކަށޭ ކަރަންޓު ކަނޑަނީ.