ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އެކަށީގެންވާ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ނުދީ ލަސްކުރަމުންދާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
ނަމަވެސް އެ ކޮމިޝަނުން ބުނީ ގާސިމްގެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ތަފްސީލު ދެވެން ނެތް ކަމަށެވެ.
ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމަށް އެ ފަރުވާ ވީހާވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ފަރުވާ އަށް ބޭރަށް ފޮނުވައިދޭން އާދޭސްކުރަމުން ދަނިކޮށް ރިޝްވަތުގެ ތުހުމަތުގައި އޭނާ އަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
ހުކުމާ އެއްގޮތަށް، ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަމުންދާތީ އާއިލާ އާއި އޭނާގެ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.