ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލުކުރީ ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އޭނާ އުޅުނު ކަމަށް ތުހުމަތުކޮށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ފުލުސް އޮފީހުން ނުކުމެވަޑައިގެން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ މައްޗަށް އެ ތުހުމަތު ކުރަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ. މިއަދު ހަވީރު ދެ ގަޑިއެއްހާއިރު ވަންދެން ފުލުސް އޮފީހަށް ހާޒިރުކޮށް، ފުލުހުން ކުރި ސުވާލުތަކަށް ފުރިހަމަ އަށް ޖަވާބު ދެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ފަނޑިޔާރުންނާއި ސިިފައިންނާއި ފުލުހުންނަށް ނުފޫޒެއް ފޯރުވާ ނަމަ އެކަން އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށޭ އަޅުގަނޑު ބުނެފައި އޮތުމާއި މިކަހަލަ ދެތިން ކަމެއް އެ ބޭފުޅުން މިނަންގަވަނީ،" ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޔަކު ހިތްހަމަނުޖެހުނަސް ރައްޔިތުންގެ ހައްގުގައި އޭނާ ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އެކަމުގައި ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ވަކި ބަޔަކާ ދެކޮޅަށް ނޫން ކަމަށާއި މިހާރު ހިނގަމުންދާ ކަންކަމާ މެދު ރައްޔިތުން ވިސްނުމަށް ގޮވާލައްވާ ކަމަށެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ މައްޗަށް ދެ ތުހުމަތެއް ފުލުހުން މިއަދު ކުރި ކަމަށެވެ. އެއް ތުހުމަތަކީ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ. އަނެއް ތުހުމަތަކީ ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގެ ދަށުން، ގާނޫނީ ސަރުކާރެއް ބަދަލު ކުރަން މަސައްކަތް ކުރުމުގެ ތުހުމަތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފުރިހަމަ އަށް ގާސިމް އިބްރާހިމް ޖަވާބުދާރީވެ ވަޑައިގެންނެވި،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް ދިރިއުޅުއްވާ ގެ އާއި ވިލާގެ ބައެއް އޮފީސްތައް ފުލުހުން ފާސްކޮށްފައި ވިޔަސް އެކަމާ ގުޅޭގޮތުން މިއަދު އެއްވެސް ސުވާލެއް ނުކުރާ ކަމަށެވެ. އެހެންވެ އެ ތުހުމަތު މިހާރު ނެތީ ކަމަށް ހިސާން ވިދާޅުވި އެވެ.
އިތުރު ތުހުމަތުތަކެއްގައި ގާސިމް ފުލުހަށް ހާޒިރު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުކޮށް، ގާސިމަށް ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ގާސިމް ހައްޔަރު ކުރިޔަސް އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ހައި ކޯޓުން ވަނީ އޭނާ މިނިވަންކޮށްފަ އެވެ.