ސްރީ ލަންކާގައި ބޭއްވި ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ބައިވެރިވި ދިވެހި އަންހެނަކަށް ރަން މެޑަލްއެއް ލިބިއްޖެ އެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން އެޕްލައިޑް ސައިކޮލޮޖީ (އައިސީއޭޕީ) ގައި ބައިވެރިވެގެން ރަން މެޑަލް ހޯދީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) ގެ ފަރާތުން ބައިވެރިވި ޒުވާނެއް ކަމުގައިވާ ޖުމާނާ ސަލީމް (ޖުމާ) އެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން ޖުމާ ބުނި ގޮތުގައި ތިން ދުވަހަށް ކުރިއަށް ގެންދިޔަ ކޮންފަރެންސްގައި ހުށަހެޅީ ޑިޕްރެޝަނާއި އަމިއްލަ އަށް މަރުވުމާ ގުޅޭގޮތުން ތައްޔާރު ކުރި ދިރާސާ ރިޕޯޓެކެވެ. އޭނާ ބުނީ އެއީ ރާއްޖޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓެކެވެ.

"ވަރަށް ބޮޑަށް މަސައްކަތް ކުރިން މި ދިރާސާ ރިޕޯޓު ތައްޔާރު ކުރުމަށް،" ޖުމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރަން މެޑަލް ލިބުމުގައި ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒުގެ ފުރިހަމަ އެއްބާރުލުން ލިބުނެވެ. އެހެންވެ، ނާޒަށް އޭނާ ޝުކުރު އަދާކުރި އެވެ.

"އަސްލު ހިއެއް ނުކުރަން ލިބޭނެ ކަމަކަށް. އުންމީދެއް ވެސް ނުކުރަން. އެކަމަކު ލިބުނީ ވަރަށް ބޮޑަށް އުފާ ވެއްޖެ،" ޖުމާ ބުންޏެވެ.

މި ކޮންފަރެންސްގައި ރާއްޖެ އިން ޖުމާ ބައިވެރިވިއިރު، ލަންކާ، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާނު ފަދަ ގައުމުތަކުގެ ސައިކޮލޮޖިސްޓުންނާއި ޕްރޮފެސަރުން ބައިވެރިވި އެވެ.