ރިޝްވަތުގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ޖަލަށް ލާފައިވާ ފާރިސްއާ ބައްދަލުކުރެއްވުމަށް މައުމޫން މާފުށީ ޖަލުގައި: ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށްގެން އުޅޭ މައްސަލާގައި މައުމޫން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައި.
05 ސެޕްޓެމްބަރ 2017 - 16:09
ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ބަންދުކުރިތާ 50 ދުވަސްވިއިރު ވެސް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކޯފާވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނާ ޚިލާފަށް، ފާރިސްއާ ދޭތެރޭ އަމަލުކުރަމުންދާ ގޮތް ބަލައިނުގަނެވޭ ކަމަށެވެ. ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލައިގެ ހުކުމް އިއްވުން ލަސްވާ މައްސަލާގައި ވެސް މައުމޫން ހިތްހަމަނުޖެހުންފާޅުކުރެއްވި އެެވެ.
އެމަނިކުފާނު ވިދާޅުވީ ފާރިސް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ހައި ކޯޓުން ނިންމާލިތާ 27 ދުވަސް ވެފައިވާ ކަމަށެވެ.
ފާރިސް ބަންދުކޮށްފައި ވަނީ އެއްވެސް ހެއްކެއް އަދި ގަރީއާއެއް ނެތި ކަމަށް ވެސް މައުމޫން މީގެކުރިން ވިދާޅުވެފައިވެ އެވެ. އެކަމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ރައްޔިތުންގެ މަޖިލީހުން ވެސް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
.@afarismaumoon completes today 50 days in arbitrary detention & 27 days after completion of appeal hearings at HC against his arrest. 1/2
— Maumoon Abdul Gayoom (@maumoonagayoom) September 5, 2017
ފާރިސް ބަންދުކޮށްފައިވާ މައްސަލާގައި ހިތްހަމަނުޖެހުންފާޅުކުރައްވައި މައުމޫން ކުރެއްވި ޓުވީޓެއް.
ފާރިސް ބަންދުކޮށްގެން އުޅޭ މައްސަލާގައި ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. ވަކީލުން ވިދާޅުވާ ގޮތުގައި ހަމަ އެފަދަ މައްސަލައެއްގައި ބަންދުކުރި އަހްމަދު ޝާފިއުގެ މައްސަލަ ހައި ކޯޓުން ނިންމާފައިވާ ހުކުމަށް ބަލާއިރު ވެސް ފާރިސް ވަގުތުން ދޫކޮށްލަން ޖެހޭ ކަން ސާބިތުވެ އެވެ..
މައުމޫނާއި ދަރިކަލުން ފާރިސް ކްރިމިނަލް ކޯޓުގައި ދެންމެ ސަލާމް ކުރައްވަނީ.---ސޯޝަލް މީޑިއާ ފޮޓޯ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާފިއު ކްރިމިނަލް ކޯޓުން ދޫކޮށްލުމާ ގުޅިގެން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރުމުން ނިންމީ، އޭނާ ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.
ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވާ ގޮތުގައި ފާރިސް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރުން މިދިޔަ މަހުގެ 20 ގައި ބާއްވަން ނިންމުމަށް ފަހު ކުއްލި ގޮތަކަށް ކެންސަލްކުރީ ޖާއިޒު އެއްވެސް ސަބަބެއް ނެތި އެވެ. އަދި އިސް ފަނޑިޔާރުގެ ބިއުރޯގެ ދަށަށް ފާރިސްގެ މައްސަލަ ނަގައި ހުކުމް ކުރުމުގެ މަޖިލިސް ނުބާއްވައި ގިނަ ދުވަސްތަކެއް ހިނގަމުން ދިއުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.
ފާރިސް ކޯޓަށް ވަޑައިގަންނަވަނީ: އޭނާ އިސްތިއުނާފް ކުރެއްވި މައްސަލައިގެ ހުކުމް އިއްވުން ލަސްކުރާތީ ވަކީލުން ވެސް ގެންދަނީ ކަންބޮޑުވުންފާޅުކުރަމުން. --މިހާރު ފޮޓޯ/ހުސައިން ވަހީދު
އޭނާ ވިދާޅުވެފައިވާ ގޮތުގައި އިސް ފަނޑިޔާރުގެ ބިއުރޯ އަށް ފާރިސްގެ މައްސަލަތައް ނެގިއިރު އޭނާގެ މައްސަލަތައް ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުން އެއްވެސް ފަނޑިޔާރަކު ތަނާޒުލުވެވަޑައިގަތުމަށް އެދިވަޑައިގެންފައި ނުވާ ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ. އެއާއެކު މައްސަލަތައް ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ވުޖޫދުގައި ނުވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ. ފާރިސް ހުށަހަޅުއްވާފައިވާ އިސްތިއުނާފްގެ މައްސަލަތަކަކީ ހުކުމެއް ކުރުމުގެ ކުރިން އޭނާ ބަންދުކޮށްފައިވާ ބަހައްޓާ މައްސަލަ ކަމަށްވާއިރު މިއީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރު ވެސް އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ހައްގެއް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ. ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ރިޝްވަތުގެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެ މައްސަަލައިގެ އަޑުއެހުންތައް ކޯޓުން އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލަކު މީހާ
06 September 2017
ހޯދާދިން ވެރިކަމާމެދު ހިތް ހަމަޖައްސައި ޝަރަފުވެރިކަންމަތީގައި ރީއްޗަށް ހުރިނަމަ މިގައުމުގައި ތާއީދުނުކުރާނެ އަދި ގަދަރުނުކުރާނެ ހަމައެކަކުވެސް ނުހުންނާނެ. މިހާރު މިފެންނަނީ އޭގެ އިދިކޮޅު. މީޑިޔާއިން ފެންނަނީ ރީތި ތަޢުރީފެއްނޫން.
ކުރީގެ ނައިބް
06 September 2017
މައުމޫނު ހެދި ޤާނޫނު މައުމޫނަށް ކަމަކު ނުދާކަމުގެ ހެކި މިއޮތީފެންނަން މިއަދު! 30 އަހަރު އިސްލާމީ ޝަރިއަތް ޤާއިމްކުރިނަމަ ތިޔަހެން ނުވީކަން ކަށަވަރު، އޭރުވެސް މިހާރުވެސް އަމިއްލަ އެދުން އިސްކުރަނީ.
ެަބަސީ
06 September 2017
އަބްދުﷲ ގާޒީ ބަންދު ކުރުމުން ވީ ގޮތް ހަނދާނަށް އަންނަނީ ވަރަށް ވާހަކަ
އަލިފުތު
06 September 2017
ފާރިސް ބަންދުކޮށް ބަންދުކުރި ފަރާތުން ދައްކާ ހެކިތަކެއް އެބަހުރި. ޢަބްދުﷲ ގާޒީ އާމެދު ދެއްކުނު ހެއްކެއްނެތް. ވީމާ ބަސީ ހަނދާނަށް ގެނަޔަސް މިދެކަމުގެ ގުޅުމެއްނެތް.
ވިސްނޭ
06 September 2017
މައުމޫނުވެސް ހައްޔަރުކުރޭ ބަހައްޓާނެކަމެއްނެތް މީހުންނައްދިން އަނިޔާ ކޮބާ ހަނދާނެތުނީދޯ
ނަސްރީނާ
06 September 2017
އެމީހަކު ދުނިޔެ މަތީގަ ކުރިކަމެއް އެމީހަކަށް ދައްކަވާފައޭ ގެންދަވާނީ ބުނެއުޅެއެއްނު. މިއަދު ތިފެންނަނީ އެތަން. މައުމޫނު ކަންކުރިގޮތުގެ ހިތިރަހަ މިއަދު ތި ފެންނަނީ ހަމަ މައުމޫނަށް!
ބޯގޯސް އަލީ އާޑަމްސް
06 September 2017
ފިރުޢައުނުފެ ނައިބެއްގެ ހައިސުއްޔަތުން ރާނީ ކަމަނާ ނެރުއްވާފައިވާ ޤާރާރު ތަށް ބާތިލް ކޮށްފައި ހާމާނު ދެންނެވި އެވެ "ޤާނޫނީ ތިޔަ ޖަދަލުގައި ކަމަނާ އަށް ކުރި ލިބެއެވެ.އެކަމަކު ޜަސްގެފާނުގެ ވިދާޅު ބަސްފުޅު ވަނީ ހުރިހާ އެއްޗަކަށް ވުރެ މަތީގައެވެ.ރަސްގެފާނު ގެ އަމުރު ފުޅަށް ޤާނޫނު ބްރޭކް ވާނެއެވެ.ފާރިޝް މައްސަލަ އަކީ މިކަހަލަ ކަމެކެވެ. ދަންނަވަން ތޯއެވެ.؟މިއީ ފަނޑިޔާރުނަށް ޤާނޫނު ނޭގޭތީ ކުރާ ކަންކަނަ ކަމަށް ހީފުޅު ނުކުރެއްވާ ށެވެ.
ކުޑައަލީ
06 September 2017
ނުހައްގުން މީހަކު ހިފާހައްޔަރުކޮށް ހުކުމަކާނުލާ ބަންދުކޮށްގެން ގެންގުޅޭ މައްސަލާގައިއާއި އެއްވެސް ވަރަކަށް އިންސާނީ ކަރާމާތަށް ނުބައްލަވާ ޕީޖީ އޭނާގެ ޒިންމާގެ މަތީގައި ހަނުހުންނާތީ ޕީޖީގެ މައްޗަށް ދައުވާކުރުމަށް ގޮވާލަން.
އަބްދު
06 September 2017
ފާރިޝް އަށް ދެރަވަން... އެކަމު މައުމޫނަށް މިއީ ދުނިޔެމަތީގަ އެމީހަކު ކުރިކަމުގެ ހިތި ފެންނާނެކަމުގެ އަލިގަދަ ހެކި.... ކިތައް މީހުންގެ ދަރިންތޯ ޝަރީއަތެއް ނެތި ހިތުހުރިގޮތަކަށް މަނިކުފާނުގެ ވެރިކަމުގައި ބައްދުގައި ، ޖަލުގައި ހުރީ؟؟
ޙަސަން އަޙްމަދު
06 September 2017
މައުމޫނު ކޯފާވެއްޖެ ކަމަށް ނޫސްވެރިޔާއަށް ދޭހަވީ ކިހިނެއް ބާއޭ މި ހިތަށް އަރަނީ!
އަފިހުން ގޮއްޔެ
05 September 2017
ރައީސް މައުމޫނު އަދި ރުޅިމަޑު، މަނަމަހީ........
ދރވސވ
06 September 2017
ކުރީގެ ރާއީސް މައުމޫނު ރުޅިއަންނާނެކަމެއްނެތް. ރައްޔިތުންނަށް މާފުކުރޭ ފުރަތަމަ. މީވަރަށްވާހަކަ.