މެލޭޝިއާ މަގުން ސީރިއާއަށް ދާން އުޅުނު ދެ ދިވެހިން ރާއްޖެ ގެނެސްފި

ހަނގުރާމައަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން އެ ގައުމުން ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި އެވެ.


އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ނަމަވެސް އެ ދިވެހިންނަކީ ދޭން އުޅުނު ހަމަލާއާ ގުޅުންހުރި ބައެއް ނޫނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ ހައްޔަރުކުރި ދެ މީހުން ރާއްޖެ ގެނެސްފައިވާ ވިޔަސް މައްސަލައިގެ ބާވަތުން އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ.

މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެއާ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތްކުރާ އެ ދެ ދިވެހިން ހައްޔަރުކުރީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ހަނގުރާމަ ކުރަން ދާން އުޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ ދިވެހިންގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދެ ދިވެހިން ހައްޔަރުކުރީ ޖޯހަރު ބާރޫ އިންނެވެ. މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާ ނާކާމިޔާބު ކޮށްލަން ހިންގި އޮޕަރޭޝަންގައި ދެ ދިވެހިންގެ އިތުރުން އެކި ގައުމުތަކުގެ 17 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުމުގެ ތުހުމަތުގައި ބައެއް ދިވެހިންގެ މައްޗަށް މިހާރު ވެސް ރާއްޖޭގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. ހަނގުރާމަތަކުގައި ބައިވެރިވުމާއި ބައިވެރިވާން އުޅުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ.