ސީރިއާގައި ތިބި ބައެއް ދިވެހިން އަނބުރާ ގެންނަން ބަލަންޖެހޭ ކަންކަން އެބަ ބަލަން: ފުލުހުން

ސީރިިއާގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެންނަން ނިންމުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ އެއްވެސް އިރެއްގައި ފުލުހުންގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވެފައި ނުވާނެ ކަމަށާއި މިހާރު ވެސް ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ. އެކަމަކު އެ ގައުމުގައި ތިބި ދިވެހިން އަނބުރާ ގެންނަން ސަރުކާރުން ނިންމުމުން ބައެއް އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ގޮސްފައި ވާއިރު، ދާދިފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން މުޅި ސީރިއާއަކީ ވެސް ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، ސަރުކާރުގެ ހުއްދަ ނެތި އެއްވެސް ބޭނުމެއްގައި ސީރިއާއަށް ދިވެއްސަކު ދާ ނަމަ، އެ ގާނޫނުގެ ދަށުން އެ މީހަކު ކުށްވެރިވާނެ އެވެ.

ސީރިއާގައި ތިބި ބައެއް ދިވެހިން އަނބުރާ ރާއްޖެ ގެންނަން ސަރުކާރުން ނިންމިއިރު، އެފަދަ މީހުން ރާއްޖެ ގެނެސް ރިހެބިލިޓޭޝަން ފަރުވާ ދޭނެ މަރުކަޒުތައް ވެސް ގާއިމްކުރަން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައި ލާޒިމް ކޮށްފައިވެ އެވެ.