24 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ބިލް ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 24 ގަޑިއިރު ބެހެއްޓޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ޓެރަރިޒަމް މަނާކުރުމުގެ ބިލް ބަދަލުކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް) ބިލް ހުށަހެޅުއްވި އިރު އޮތީ ހައްޔަރުކުރާ މީހުން ބަންދުކުރީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ގޮތަށެވެ.

އެކަމަކު، ބިލް ދިރާސާ ކުރި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރު ކުރާތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ވާނެ ކަމަށެވެ.

މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ހިނގަނީ. --- ފޮޓޯ: މަޖިލިސް

ގާނޫނުއަސާސީގައި އޮންނަ ގޮތުން ހައްޔަރު ކުރާތާ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުން ލާޒިމްވެ އެވެ. ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހާ އެހާ ގިނަ އިރުތަކެއް ވަންދެން ބަންދުގައި ބެހެއްޓޭ ގޮތަށް ބިލް އޮތުމުން، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ހައްޔަރު ކުރާ މީހާ އަށް އޭނާގެ ގާނޫނީ ވަކީލާ އެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތް ކުރުމުގެ ފުރުސަތު އޭނާ ހައްޔަރު ކުރާ ވަގުތުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެ ކަމަށެވެ. ކުރިން ބިލްގައިވާ ގޮތުން އެ ހައްގު ހިފެހެއްޓެނީ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކްގެ އޮފިސަރެއްގެ ލިޔުމަކުންނެވެ.

ބިލަށް އިތުރު ކުރި ބައެއް މާއްދާތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރާ ވަގުތުގެ ދެގަޑިއިރު ކުރިން ކޯޓަށް ސިޓީއަކުން އެންގުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްގެ އިންތިޒާމުތައް ހަމަޖައްސަން ވާނެ އެވެ.

ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ސަރުކާރުން ހުށަހެޅި ބިލުގައި އޮތީ ބިލްގައި ހިމަނައިފަ އެވެ. މަޖިލިހުގެ ކޮމިޓީން ބިލް ދިރާސާ ކުރި އިރު، ބިލްގެ އެ މާއްދާ އަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ބިލްގައި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރުން ހުއްޓުވުމަށާއި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ އިޖުރާއުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ސިޔާސީ ކަންކަމާ ގުޅިގެން ޓެރަރިޒަމް ގާނޫނުގެ ބޭނުން ކުރުން ހުއްޓުވުމަށް ޓެރަރިޒަމްގެ އަމަލުތައް ބިލްގައި ތަފްސީލްކޮށްދީފައިވެ އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާ ކުރީ މަޖިލިހުގެ ގަވައިދުން ލިބޭ ބާރުގެ ދަށުން، މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.