ނަޝީދު ހައްޔަރުކޮށްގެން ރާއްޖެ ގެންގޮސްފި ނަމަ އެކަން ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފު ވާނެ: އަމާލް

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ހައްޔަރުކޮށްގެން ރާއްޖެ ގެންނެވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފުކަމެއް ކަމަށް، އެމަނިކުފާނުގެ ބޭރުގެ ވަކީލު، އަމާލް ކްލޫނީ ވިދާޅުވެއްޖެ އެވެ.


ސްރީ ލަންކާގައި އުޅުއްވަނިކޮށް އެމަނިކުފާނު ހައްޔަރުކޮށްގެން ރާއްޖެ ގެންނަވަން އަންގައިފި ނަމަ އެކަން ކުރެއްވޭނެ ކަމަށް، އެ ގައުމަށް ދާދި ފަހުން ކަނޑައެޅި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވުމުން އެކަމާ ނަޝީދުގެ ބޭރުގެ ވަކީލުންގެ ޓީމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ސަންޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މުންދު ވިދާޅުވީ ނަޝީދު އަނބުރާ ގެންނަވަން، ކަމާ ބެހޭ މުއައްސަސާއަކުން އަންގައިފި ނަމަ "އަމިއްލައަށް މަގުމައްޗަށް ނިކުމެ ވެސް އެކަން ކުރައްވާނެ" ކަމަށެވެ.

މުންދުގެ އެ ވާހަކަ ކުށްވެރިކުރައްވައި، އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އަމާލް ވިދާޅުވީ ލަންކާގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރުކޮށްގެން ގެންދިއުން ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން، އެ ގައުމުގެ ޖިނާއީ ގާނޫނާ ވެސް ހިލާފުވާނެ ކަމަށެވެ. އަދި އަސްލެއް ނެތް ކަމެއްގެ މައްޗަށް ހިންގާފައިވާ ޝަރީއަތަކުން އިއްވާފައިވާ ހުކުމެއް ތަންފީޒު ކުރައްވަން ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަޝީދު ސްރީ ލަންކާގައި ހުންނަވާހާ ހިނދަކު، އެމަނިކުފާނުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ އެ ގައުމުގެ ކަމާ ބެހޭ މުއައްސަސާތަކަށް ލާޒިމް ކަމެއް،" އަމާލް ވިދާޅުވި އެވެ.

ލަންކާ ސަފީރަކަށް މުންދު އައްޔަން ކުރެއްވި އިރު ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ސްރީ ލަންކާ ވެފައި ވަނީ މުހިންމު މަރުކަޒަކަށެވެ. ހާއްސަކޮށް، 13 އަހަރުގެ ޖަލު ހުކުމެއް އޮތް ނަޝީދު ދޭތެރެ ދޭތެރެއިން ލަންކާއަށް ވަޑައިގެން އެކި ބައްދަލުވުންތައް ބާއްވަވަ އެވެ. މީގެ އިތުރުން އިދިކޮޅު އެހެން ސިޔާސީ ބައެއް ލީޑަރުން ވެސް ލަންކާއަށް ވަޑައިގެން، ނަޝީދާއި ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރައްވައި، ރާއްޖޭގެ ހާލަތު ދަނީ ހިއްސާކުރައްވަމުންނެވެ. "މިހާރު"އާ ވާހަކަ ދައްކަވަމުން މުންދު ކުރިން ވިދާޅުވެފައި ވަނީ ގާނޫނީ އިމުގެ ތެރޭގައި ހުރި ކޮންމެ މީހަކަށް ވެސް ދިވެހި އެމްބަސީން ހިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް ނަޝީދަކީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހިދުމަތް ދެވޭނީ ހުކުމެއް ތަންފީޒު ނުކުރައްވާ ބޭފުޅުންނަށް ކަމަށެވެ.