ވިއެނާ (ޖުލައި 1) - އޮސްޓްރިއާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެ ގައުމުގެ ސްޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ކަނާތު ފިޔައިގެ ފްރީޑަމް ޕާޓީ ވަރަށް ހަނި އަޣުލަބިއްޔަތުން ބަލިވުމުން އެ ޕާޓީން ވަނީ އިންތިޚާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ ސްޕްރީމް ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ ޕޯސްޓަލް ވޯޓު ގުނާފައި ވަނީ ސައްހަ ގޮތުގައި ނޫން ކަމަށެވެ. އަދި 16 އަހަރުން ދަށުގެ ކުޑަ ކުދިންނާއި ބިދޭސިން ލައްވާ ވެސް ވޯޓު ލައްވާފައިވާ ކަމުގެ ހެކި ހުރި ކަމަށް ފްރީޑަން ޕާޓީން ބުނެފައިވެ އެވެ.

އޮސްޓްރިއާގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަކުރެއްވި ހޮބާޓް (ކ) އަދި ހަނި އަޣުލަބިއްޔަތުން އިންތިޚާބު ކާމިޔާބު ކުރެއްވި ވެން ޑަ ބެލެން. --ފޮޓޯ:ބީބީސީ
އޮސްޓްރިއާގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަކުރެއްވި ހޮބާޓް (ކ) އަދި ހަނި އަޣުލަބިއްޔަތުން އިންތިޚާބު ކާމިޔާބު ކުރެއްވި ވެން ޑަ ބެލެން. --ފޮޓޯ:ބީބީސީ

ގްރީން ޕާޓީގެ ލީޑަރު އެލެގްޒެންޑާ ވެން ޑަ ބެލެންއާ ވާދަކުރައްވާ ފްރީޑަމް ޕާޓީގެ ކެންޑިޑޭޓް ނޮބާޓް ހޮފާ އަށް ރިޔާސީ އިންތިޚާބު ގެއްލުނީ ތިރީހަކަށް ހާސް ވޯޓުގެ ތަފާތުންނެވެ. ވެން ޑަ ބެލެން އަށް 50.3 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ހޮފާ އަށް ލިބިވަޑައިގެންނެވީ 49.7 ޕަސެންޓެވެ.

ކޯޓުން ނަތީޖާ ބާތިލް ކުރީ ވެން ޑަ ބެލެން ހުވާ ކުރެއްވުމަށް ތައްޔާރުވެފައި ވަނިކޮށެވެ. ކޯޓުގެ ނިންމުމާ އެކު ދެ ވަނަ ބުރުގެ ވޯޓުލުން އަލުން ބާއްވާނެ އެވެ. އިންތިޚާބު ބާއްވާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު އެވެ.