ސައުދީ އަރަބިއްޔާއިން އިސްވެ ޔަމަނުގައި ކުރިއަށް ގެންދަނީ ގަތުލު އާންމެއް ކަމަށާއި ސައުދީ އަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަން އދ. އިން ބްލެކް ލިސްޓު ކުރުމާއެކު ދިވެހިރާއްޖެ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން މިހާރުން މިހާރަށް ވަކިވުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އދ. އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ސައުދީގެ ކޯލިޝަންގެ ރަހްމެއްނެތް އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 700 ކުޑަކުދިން މަރުވެ، 40 ސްކޫލާއި ހޮސްޕިޓަލު ބިމާ ހަމަވެފައިވާ ކަމަށެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އދ. ގެ "ލަދު ލިސްޓު“ގައި ސައުދީގެ ކޯލިޝަން ހިމެނިގެން ދިއުމާއެކު ރާއްޖެ ފެނިގެންދަނީ މުސްލިމް މައުސޫމް ތުއްތުކުދިންނާއި އަންހެނުންނަން އަނިޔާވެރި މަރަމުން ގެންދިއުމުގެ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވާ ބައެއްގެ ގޮތުގައި ކަމަށެވެ.
"މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ ބައެއްގެ ކޯލިޝަނަކާ ދިވެހިރާއްޖެއިން ގުޅިފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ. ދިވެހިރާއްޖެއަކީ ސުލްހަ އަށް ލޯބިކުރާ ގައުމަކަށްވީހިނދު މިފަދަ އަނިޔާވެރިކަމެއް ކުރާ ބައެއްގެ މަސައްކަތްތަކަށް ހިތްވަރުދީ އަމަލީ ގޮތުން ސައުދީއިން ހިންގާ މިފަދަ ކަންކަމުގައި ބައިވެރިވުމުކީ ދިވެހި ދައުލަތުންނާއި ދިވެހި އަސްކަރިއްޔާއިން ކޮށްގެންވާނެ ކަމެއްނޫން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަމުގެ ސަބަބުން ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އިތުރަށް ކިލަނބުވެ އެކަހެރިވެގެންދާނެ ކަމަށާއި ސިޔާސީ މަންފާއެއް ހާސިލްކުރުމަށް މިފަދަ ލާއިންސާނީ ކަންކަމުގައި ދިވެހި އަސްކަރިއްޔާ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.