ޔަމަނުގައި އޮތް ހަމަނުޖެހުން ހުއްޓުވައި، ހަމަޖެހުން ގެނައުމަށް ޔަމަނުގެ ސަރުކާރުން ގޮވާލި ގޮވާލުމަށް ތާއީދުކުރާ ކަމަށް ރާއްޖޭން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔަމަނުގައި ހިނގަމުންދާ ކަންތައްތައް ކައިރިން ބަލަމުންދާ ކަމަށާއި އަދި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ، ޔަމަނުގެ ގާނޫނީ ސަރުކާރަށް ރާއްޖޭން ކުރާ ތާއީދު ދަމަހައްޓާ ކަމަށެވެ.
އަހުލީ ހަނގުރާމައެއްގައި އަހަރުތަކެއް ވެފައިވާ ޔަމަނުގައި މަރުކަޒީ ވަކި ސަރުކާރެއް ނެތްއިރު އެގައުމުގެ އެކި ސަރަހައްދުތައް ކޮންޓްރޯލްކުރަނީ ހަނގުރާމަވެރި އެކި ޖަމާއަތްތަކުންނެވެ. އެ ގައުމުގައި އެންމެ ފަހުން ހިނގި ހަމަނުޖެހުންތައް ފެށުނީ ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)ގެ ހަނގުރާމަވެރިން އިތުރު ސަރަހައްދުތައް ހިފުމަށް މަސައްކަތް ފެށުމުުންނެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭ)ގެ އެހީއާއެކު ހަރަކާތްތެރިވާ އެ ޖަމާއަތުން، އިތުރު ސަރަހައްދުތައް ކޮންޓްރޯލްކުރަން މަސައްކަތް ފެށުމާ އެކު ސައުދީން ވަނީ އެ ޖަމާއަތާ ދެކޮޅަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.
އެއަަށްފަހު، ޔަމަނުގެ އެކި ޖަމާއަތްތަކުގެ މެދުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ސައުދީ އަރަބިއްޔާ އާއި ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑަޝިޕް ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އެ ގޮވާލުމަށް މަރުހަބާ ކިޔާ ކަމަށާއި އަދި ސައުދީގެ ވެރިރަށް ރިޔާދުގައި ވާހަކަތައް ކުރިއަށް ގެންދަން އެ ގައުމުން އިސްނަގާފައި ވާތީ އެކަމަށް ވެސް މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ އިސް ނެގުމަކީ މަޝްވަރާކޮށްގެން ހައްލުތައް ހޯދައި، ޔަމަނަށް ސުލްހަ އާއި ހަމަޖެހުން ގެންނަން ސައުދީން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.