މެޑިކަލް ކޮލެޖާ ބެހޭގޮތުން ހެލްތް މިނިސްޓަރު ނާޒިމް (މ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކޮލެޖު އެޅުމާ ބެހޭ މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އޮކްޓޯބަރ 2017 - 16:59
އަންނަ އަހަރު ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނު ސަރުކާރުގެ އެހީގައި ގާއިމްކުރަން ހަމަޖައްސާފައިވާ މެޑިކަލް ކޮލެޖާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ކޯހުގެ ކަރިކިއުލަމާއި ސްޓްކްރަކްޗާއި ފީގެ އަދަދުތައް ކަނޑައަޅާނެ ކަމަށެވެ.
ނަމަވެސް މަދުވެގެން 50 ދަރިވަރުން ފުރަތަމަ ބެޗަށް ވެސް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
މެޑިކަލް ކޮލެޖަށް ހާއްސަ އިމާރާތެއް ގާއިމްކުރެވެންދެން ކިޔަވައިދޭން ހަމަޖައްސާފައިވަނީ ގައުމީ ޔުނިވާސިޓީގެ ޕްރޮގްރާމެއްގެ ގޮތުގައި އެ ޔުނިވާސިޓީގެ ތެރޭގަ އެެވެ. ނަމަވެސް ކިޔަވައިދޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް އެއްގޮތަކަށް ކަމަށް ވިދާޅުވި އެވެ.
އެމްބީބީއެސް އަށް ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)، އެޑިއުކޭޝަން މިނިސްޓްރީ، އައިޖީއެމްއެޗް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސް މެމްބަރުންނެވެ.
މެޑިކަލް ކޮލެޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޕާކިސްތާނުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީ ވެސް ދީފަ އެވެ. އެ އެހީގައި ލެބޯޓްރީއަށާއި ކިޔަވައިދިނުމަށް ބޭނުންވާ ޓެކްނިކަލް ސާމާނު ހޯދަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މެޑިކަލް ކޮލެޖާ ބެހޭގޮތުން ޕާކިސްތާނުގެ ޕްރޮފެސަރު، ޓިޕޫ ސުލްތާން ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނާޒިމް ވިދާޅުވީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވިދާނެތޯ ބެލުމަށް ޕާކިސްތާނުގެ ޕްރޮފެސަރަކު ދިރާސާއެއް ހެއްދެވި ކަމަށެވެ. އެގޮތުން އެކަން ދެމެހެއްޓެވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެ ކަން، ދެ މަސް ދުވަހުގެ އެ ފީސިބިލިޓީ ސްޓަޑީން އެނގުނު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ހުރެގެން ޑޮކްޓަރުކަން ކިޔަވައިދިނުމަށް ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި އިންޓާންޝިޕް ފެށުމަށް ވެސް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.
"ރާއްޖޭން ބޭރުން ތިއަރީ ބައި ނިންމާފައި އިންޓާންޝިޕް ހަދަން ފުރުސަތު ނުލިބި ތިބި ކުދިންނަށް ވެސް [އައިޖީއެމްއެޗުން] އޭރުން ފުރުސަތު ލިބިގެންދާނެ. އަދި ކޯސް ނިންމާފައި ޔުނިވާސިޓީގެ ދަރިވަރުން އައިޖީއެމްއެޗަށް އިންޓާންޝިޕަށް ދާއިރު އެތަން އޮންނާނީ އެކަމަށް އެންމެ ފުރިހަމަަށް ތައްޔާރުވެ ފައްކާވެފައި. މި ޕްރޮގްރާމަކީ ކައިރި ގައުމުތަކުން ވެސް އެންޝުއާ ކުރާނެ ޕްރޮގްރާމެއް،" ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް ހަވަރު އަލީ ޝާހު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
މެޑިކަލް ކޮލެޖުގެ އިމާރާތަށް ހަރަދުވާނެ ވަރާއި އިމާރާތް ކުރާނެ ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެެވެ. ކޮންމެ އަހަރަކު ވެސް ޑޮކްޓަރުކަން ކިޔެވުމަށް އެތައް ދަރިވަރުންނެއް ރާއްޖޭން ބޭރަށް ދާއިރު، ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފެށުމުން، އެކަމަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
12 October 2017
މެޑިސިންގަ 50 ވަރަކަށް ސަބްޖެކްސް ކިޔަވަން ޖެހޭ. އަހަންނަށް ހީވަނީ އެވަރަށް ޕްރޮފެސަރުން މެޑިކަލް ފީލްޑްގަ އަދި ރާއްޖެއަކު ނެތް ހެން. ދެން އޮތީ، ބޭނުން ވާ ވަސީލަތް ތަކާއި ލެބް ތަކާއި ބޮޑީ ތަކާއި ސާމްޕަލްތައް. އެންމެ ކުޑަ މިނުން ހިސްޓޯލޮޖީ ސްލައިޑްވެސް މިތަނަށް ޖެހޭނީ އަލުން އެތެރެކުރަން. މި ހުރިހާ ކަމެއް ކުރަން އަދި ޔުނިވަރސިޓީ ރެޑީއެއް ނޫން. އެތާގަ މިހާރު ހިގަމުންދާ ކޯސްތަކަށް ލެކްޗަރާއިން ހަމަ ނުވާއިރު މެޑިސިން ކިޔަވަދޭން ލެކްޗަރާއިން ޖެހޭނީ މުޅިން ކަހަލަ ގޮތަކަށް ބޭރުން އެތެރެކުރަން. މިހުރިހާ ކަމަކަށް ބަލާއިރު މެޑިސިންކިޔަވަދޭން އަދި އަހަރުތަކެއް ހޭދަވާނެހެން ހީވޭ. އިމާރާތެއް އެޅިދާނެ އަނެއްކާވެސް 25 ބުރީގެ. އެކަމަކު ބޭނުންވާ ފަންނީ މީހުންނާއި އާލާތްތަށް ހޯދުން ވާނީ ބޮޑު ގޮންޖެހުމަކަށް.
ސަލީފް
12 October 2017
ޑރ ޒާހިރު ޙުސެއިން އެމް.އެން،ޔޫ ގައި މިމަސައްކަތް ފައްޓަވާ ދެއްވީތީ ޝުކުރިއްޔާ!
ޗސޗސ
12 October 2017
ކޮންހާ ވާހަކައެއް. މި ރާއްޖޭގައި ޕައިލެޓް ކޯސް ހެދެން އޮއްވާ، އައްޑޫ އެއާޕޯޓްއިން ފައިދާ ނުވާކަމަށް ބުނެ އައްޑޫ ފްލައިން ސްްކޫލް ބަންދު ކުރާ ވާހަކަ މިހާރު އެދައްކަނީ. އާ މޮޅެތި ކޯސްތައް ފެށުމަށްވުރެން ހެދެން ހުރި މޮޅު ކޯސްތައް އެގޮތުގައި ދެމެހެއްޓުން މާ މުހިއްމު ކަންނޭނގެ..
އަމާނުﷲ
12 October 2017
އޮނަރަބްލް މިނިސްޓަރަށާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަަން، އަވަށް ޓެރި ޤައުމުތަކަށް ވުރެ ކޯސްފީ ހެޔޮކޮށް ފަށައިގަނެވިއްޖެނަމަ، ވަރަށް ރަގަޅު ކަމަކަށް މިކަންވެގެންދާނެ، މުސްތަޤުބަލު އޮތް ރަގަޅު މަސައްކަތެއް، ޑޮކްޓަރ ކަން ކިޔެވުމަށް ބޭނުންވެ ޖާގަ ނުލިބޭ އެތަށް ދަރިވަރުންނެއް ރާއްޖޭގައި އެބަތިބި އަދި ޖާގަ ހަމަޖެހި ކޯސްފީ ދެއްކޭގޮތް ނުވެގެން ކިޔަވަން ނުފުރިފައިވެސް ވަރަށް ގިނަ ދަރިވަރުން އެބަތިބި، އެހެންކަމުން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ކުރިއަރާ ދިއުމަށް އެޅު ވަރަށް ރަގަޅު ފިޔަވަޅެއް. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ މިމަސައްކަތް ކާމިޔާބުވާނެ އެންމެގައި ދޮރުތައް ހުޅުވައިދެއްވާފާނދޭވެ.
ރަބަރު
12 October 2017
މިހާރު ހުރި ޔުނިވަރސިޓީން އެކިއެކި ދާއިރާއިން ކިޔަވައިގެން ތިބި ކުދިން ގެ ފެންވަރު އެނގުމުން، މި ރާއްޖޭގައި ތިކަންކުރުމަކީ ނުރައްކާބޮޑުކަމެއްކަން ގަބޫލުކުރެވެއެވެ. އަންނަ އަހަރު ދިވެއްސަކު ހަނދަށް ފުނުވަދޭށޭކިޔާފައި ކޮށްފައިވާ ކޮމެންޓަކީ ވަރަށް މާނަފުން ފުރިހަމަ ކޮމެންޓެކެވެ. އަހަރެން ގަންނަނަނީބިރެވެ. ކަންތައް ކުރެވޭކަން ދައްކަން އުފެއްދި ޔުނިވަރސިޓީ ގެ ހާލަތު ހުރިގޮތުންނެވެ. ދިވެހި ދަރިވަރުންގެ ފެންވަރުނެތީއަކީ ނޫނެވެ. އަދި ދިވެހި ފަސްގަނޑުގައި އެގާބިލުކަންނެތީއަކީވެސް ނޫނެވެ. ކިޔަވައިދީ މޮޅުކުރަން ބޭނުންވާ ވަސީލަތް ނެތީއެވެ. އެގާބިލުކަން ހުރި މީހުންނެތީއެވެ. އެކަކު ދެމީހަކު ތިބުމަކުން ކޮލެޖެއް ނުހެދޭނެއެވެ. ލަންކާ ނޭޕާލް ތަންތަނުގެ ސެޓްފިކެޓްވެސް ގިނަބަޔަކު ބަލައި ނުގަނެއެވެ.
މަތިމަރަދޫ
12 October 2017
މިދާކަށްދުވަހު އައްޑުއަށް ދިއުމަށް ފުރުސަތު ލިބުނު. އައްޑޫމީހުން ނުރުހުނު ނަމަވެސް ކޮންވެންޝަން ސެންޓާރ ރޫޅާލާ ސަރުކާރުން ދަނީ އެތަން 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަމުން. ވީއިރު، ސީން ރީޖަނަލް ހޮސްޕިޓަލްގެ ގޮތުގައި މިހާރުހުރި 50 އެނދުގެ އިމާރާތް މުޅިން ބޭކާރުވެދާނެ. ވީއިރު މިތަނަކީ އެމް އެން ޔޫ އަށް މެޑިކަލް ކޮލެޖެއް ހިންގުމަށް ރަނުގެ ފުރުސަތަކަށްވާނެ. މުޅި އައްޑޫ ބަލާލެވުނު އިރު އެންމެ ފާހަގަ ކުރެވުނު ކަމަކީ އައްޑޫގެ އެންމެ ބިންބޮޑު ހިތަދޫގައި ތަފާތު 4 ތަނަކުން އެމް އެން ޔޫއަށް ވަރަށް ވަރަށް ބިޔަ 4 ބިން ލިބިފައިވާކަން. އޭގެއިން 1 ބިން ފިޔަވާ ދެންއޮތް 3 ބިމުގައި ބޭނުންކުރަނީ ވަރަށް ކުޑަތަންކޮޅެއް. އަދި 2 ބިން އެއްވެސް ބޭނުމެއް ނުކޮށް އެބައޮތް. ވީއިރު އެތަނުގައި ސެޓްއަޕް ހެދުމުން ކުދިންއަތުން ނަގަންޖެހޭ ފީމަދުވާނެ. ރާއްޖެތެރެވީމާ، ކުދިންނަށް އެކޮމޮޑޭޝަން އަގުހެޔޮވާނެ، އަދި ސީދާ އެއްގަމުން އެއާޕޯޓާ ގުޅިފައިވުމުން ޑެޑް ބޮޑީސް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ފަސޭހަވާނެ.
މަށޭމީ
12 October 2017
މިއުޅެނީ ފެންވަރު ރަނގަޅު ޓީޗަރުން މިތާ ތަމްރީނު ނުކުރެވިގެން. އުޅޭއިރު، ޑޮކްޓަރުން ތަމްރީނުކުރާނީ ކިހިނެއް؟ މޮޔަ ނުގޮވާ.
ވަހީދު
12 October 2017
ބްރިޖް އަޅާވާހަކަދެއްކީމާވެސްބުނީ ތިހެން. މަށޭމީ އަކަށް އެކަމެއްނުވާނެ. އެކަމަކު އެހެންބަޔަކު އެކަންކުރާނެ.
އެއާއިލާ
12 October 2017
ވަރައް ރަގަލު ކަމެއް އަހަރެންގެ ދަރިފުޅައް ޑޮކްޓަރަކައް ނުވެވުނީ ރާއްޖޭން ބޭރައް ފޯނުވޭނެ ވަރުގެ ތަނަވަސް ކަމެއް ނެތީމަ އެހެންނޫންނަމަ މިނިސްޓަރުގެ އާއިލާގަވެސް މިހާރު ޑޮކްޓަރަކު ހުރީސް
އަޖީތު
12 October 2017
މިކަންވެސް ޑޮކްޓަރަށް ދައްކަން ބިރުގަންނަ ހިސާބަށް ދަނީ.
މުންނާ
12 October 2017
ބާއީ އެމްބީބީއެސް އަށް ތަ؟