ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ރާއްޖެ ޓީވީން ކުރި ދައުވާ ކޯޓުން ބަލައެއް ނުގަތް

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ދައުލަތުގެ އިހުމާލު އޮތް ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 11.6 މިލިއަން ރުފިޔާ ހޯދަން އެ ސްޓޭޝަނުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.


އޮކްޓޫބަރު، 2013 ގައި ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ބަދަލު ހޯދަން އެ ޓީވީ ސްޓޭޝަނުން ކުރި ދައުވާ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރެޖިސްޓްރާ ނިންމެވީ ޔާމީން ރަޝީދު މަރާލުމުގައި، ދައުލަތުގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކޮށެވެ.

ޔާމީން ރަޝީދުގެ މައްސަލާގައި ކޯޓުން ނިންމާފައި އޮތީ ފުލުހުންނާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ޝަކުވާތައް ބެލުމުގެ ބާރު އޮންނަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ކަމަށާއި އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންގޮސްފި ނަމަ އެ ކޮމިޝަންގެ ގާނޫނުގެ މަގްސަދު ހާސިލް ނުވެދާނެތީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް ވިދާޅުވީ ރެޖިސްޓްރާގެ އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ސިވިލް ކޯޓުގެ އިސް ގާޒީ އަށް ހުށަހަޅާނެ ކަމަށެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.

ރާއްޖެ ޓީވީން ދައުލަތާ ދެކޮޅަށް ދައުވާ ކުރިއިރު އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަން ތިން ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފަ އެވެ. އޭގެ ބައެއް މައްސަލަތަކުގައި ވެސް ރާއްޖެ ޓީވީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފަ އެވެ.