ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ އިދާރާގައި މިހާރު ހިނގަމުންދާ ޖަލްސާ އިދިކޮޅު މެމްބަރުން ބޮއިކޮޓްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން އެކަންޏެވެ. އިދިކޮޅު ޕާޓީތަކުގެ އެއްވެސް މެމްބަރަކު ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ބަޖެޓް ޖަލްސާ ބޮއިކޮޓް ކުރި ސަބަބެއް ޕާޓީތަކުން އަދި ނުބުނެ އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އިއްޔެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވި އިރު ވެސް އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވަމުންނެވެ.

ސަޕްލިމެންޓްރީ ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އެންސްޕާ އާއި މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި އިލެކްޝަނަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ބައި އިލެކްޝަން ބާއްވަން އުޅެނީ ގާނޫނާ ޚިލާފަށް ކަމަށާއި ބަޖެޓެއް ފާސްކޮށްގެން ބޭކާރު ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ހޭދަކުރަން ނުޖެހޭނެ ކަމަށް ވެސް އިދިކޮޅު ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން އެކަންޏެވެ. މި ބަހުސްގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަތުމުން ޕީޕީއެމްގެ މެމްބަރުން ގެންދަވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ، ސިއްހީ ދާއިރާ އަށް 330 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓަށް 40 މިލިއަން ރުފިޔާ، ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓް ހިންގުމަށް 47 މިލިއަން ރުފިޔާ އަދި ފިއުލްގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި އިންޖީނުގެ ތެޔޮ ފަދަ ތަކެއްޗަށް ބޭނުންވާ 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މީގެއިތުރުން އާމްދަނީ ހޯދިދާނެ ގިނަ ކަންތައްތަކެއް ސަޕްލިމަންޓްރީ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓާއެކު، އެ އަދަދު 27 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.