ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ނިހާން، ނައިބަކަށް އާމިރު

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ކަނޑައަޅައިފި އެވެ.


މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ ގުޅިގެން އުފައްދާފައި އޮންނަ، ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ނައިބު މުގައްރިރަކަށް ހަމަޖެއްސީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރެވެ.

ނިހާނާއި އާމިރަކީ މީގެ ކުރިން ބަޖެޓު ދިރާސާ ކުރަން ބޭއްވި ކޮމެޓީތަކުގައި ވެސް މުގައްރިރު ކަން ކުރެއްވި ބޭފުޅުންނެވެ.

ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ނިހާން، ނައިބަކަށް އާމިރު ހަމަޖެއްސީ މި އަހަރުގެ ބަޖެޓު ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ޕީޕީއެމާއި އެމްޑީއޭގެ 14 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ދެބޭފުޅުންނަށް އިދިކޮޅު މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.

ނިހާނު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ 10 ދުވަސް ތެރޭގައި ބަޖެޓުގެ މަސައްކަތް ނިންމައި ތަޅުމަށް ހުށަހެޅުމަށެވެ.

ތިން ވަނަ ދައުރުގައި މައިގަނޑު ކަމެއްގެ ގޮތުގައި މަޖިލީހުގައި އޮންނާނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް އެކަންޏެވެ. އެއީ މި މަސް ނިމުމާއެކު، މެމްބަރުން ދެ މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ވަޑައިގަންނަވާނެތީ އޭގެ ކުރިން ބަޖެޓާ މެދު މަޖިލީހުން ގޮތެއް ނިންމުމަށެވެ. ގާނޫނުއަސާސީގައި ވާ ގޮތުން ބަޖެޓު ފާސްކުރަން ބާއްވާ ޖަލްސާ އަށް 43 މެމްބަރުން ހާޒިރުވެ ތިއްބަވަން ޖެހޭނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު ވެސް ވަނީ 27.3 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.