އިދިކޮޅު މެމްބަރުން ބަޖެޓަށް މަޝްވަރާ ކުރާނީ ކުނޫޒުގައި

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓަށް އިދިކޮޅު މެމްބަރުން މަޝްވަރާ ކުރުން ކުނޫޒުގައި ބާއްވަން ނިންމައިފި އެވެ.


އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އދި ޖުމްހޫރީ ޕާޓީގެ އޮފީސް، ކުނޫޒުގައި އިދިކޮޅު މެމްބަރުން "ޕެނަލް ޑިސްކަޝަން"އެއްގެ ގޮތުގައި ބަޖެޓުގެ މަޝްވަރާ ކުރިއަށް ގެންދާނީ މާދަމާ ހެނދުނުން ފެށިގެންނެވެ. އެގޮތުން ބަޖެޓު ބަހުސް މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ ވަގުތު، އިދިކޮޅު މެމްބަރުންގެ މަޝްވަރާ ކުނޫޒްގައި އޮންނާނެ ކަމަށް ޖޭޕީން ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ މަޖިލީހަށް ހާޒިރު ނުވެ، ބަޖެޓުގެ މަޝްވަރާތައް ކުނޫޒުގައި ބާއްވަން ނިންމީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވައިގެން ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވާން އިދިކޮޅު މެމްބަރުން ނިންމާފައިވާތީ ކަމަށެވެ. ކުނޫޒުގައި ކުރިއަށް ގެންދާ ބަޖެޓް މަޝްވަރާގައި އިދިކޮޅު ޕާޓީތަކުގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ މެމްބަރަކު ވެސް އެ މެމްބަރެއްގެ ދާއިރާއާ ގުޅޭ ގޮތުން ބަޖެޓްގައި ހިމެނިފައިވާ ކަންކަމާއި އަދި ބަޖެޓްގައި ހިމެނޭ އެހެން ކަންކަމާ ބެހޭގޮތުން ވެސް ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދާނެ މާދަމާ ހެނދުނުން ފެށިގެން،" އަލީ ސޯލިހް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވާތާ ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. އެހެންވެ، މަޖިލީހުގައި ހިނގާ މުހިންމު ބަހުސްތަކުގައި އެއްވެސް ވަރަކަށް އިދިކޮޅު މެމްބަރުން ބައިވެރިއެއް ނުވެ އެވެ.