ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ސަރުކާރުން ފެށި ބިޔަ މަޝްރޫއު ކާމިޔާބު ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ހިންގާ މަޝްރޫއު ހުޅުމާލޭގައި ފައްޓަވައި ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެ މަޝްރޫއުގެ ދަށުން 25 ބުރީގެ 62 ޓަވަރު އަޅާނެ ކަމަށެވެ. އަދި އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ވެސް 2019 ގައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން އަދި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނުހިންގާ ކަމަށެވެ. އޭނާ ވިދާޅުވީ 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެ ފެށި މަޝްރޫއަކީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ދައްކާ ހުވަފެނެއް ކަމަށެވެ.
"ދައުރު ނިމެންވީމަ އެއް ނޫން މި ކަންކަން ކުރާނީ އެއް. އަޅުގަނޑުމެންނަށް ފެންނަނީ ރައްޔިތުންނަށް ނަނާ ހުވަފެނެއް ދައްކަން ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ކަމަށް މީގެ ތެރެއިން ލާފައި،" އަސްލަމް ވިދާޅުވި އެވެ.
ޓަވަރުތައް އަޅަނީ ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ކަމަށް ސަރުކާރުން ބުނާއިރު، އަސްލަމް ވިދާޅުވީ، އެއީ ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުނިތަކެއް ކަމަށެވެ. އަދި ގެދޮރު އިމާރާތް ކުރުމުގެ ގާބިލްކަން އެ ކުންފުނިތަކުގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ޓަވަރެއްގެ މަސައްކަތް 2019 ގައި ނިންމާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ އެއީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ސްޕީޑުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެކަން ކުރެވިދާނެ ކަމަށާއި ނަމަވެސް އޭރުން ރާއްޖޭގެ އިގްތިސާދުން ގިނަ އަދަދެއްގެ ފައިސާ ބޭރުވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މިހާރު މާލެ ސަރަހައްދުގައި ހިންގާ ހައުސިން ޕުރޮޖެކްޓްތަކަކީ މެދުފަންތީގެ ފަރާތްތަކަށް ގަނެވޭނެ ތަންތަނެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ތަންތަން އެކަށީގެން ވަނީ މުއްސަދިންނަށް ކަމަށް ވިދާޅުވި އެވެ.
މާލެ ސަރަހައްދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށް ކަމަށާއި އެހެންވެ، ހުރިހާ ރަށަކުން ވެސް މީހުން މާލޭގައި ދިރިއުޅެން އަންނަން ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، އަސްލަމް ވިދާޅުވީ އެކަމުގައި ސަރުކާރުގެ ސިޔާސަތު ދެކޮޅު ނުޖެހޭ ކަމަށެވެ.
އަތޮޅު ތެރޭގައި 32 އެއާޕޯޓެއް ހަދާނެ ކަމަށް ވިދާޅުވެ، އޭގެ ފަހަތުން ހުރިހާ ރައްޔިތުންނަށް މާލެ އައުމަށް ސަރުކާރުން ބުނުމަކީ ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި އަސްލަމް ސިފަކުރެއްވި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ވަނީ ހީނަރުވެފައި ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން އިއުލާން ކުރި ބޯހިޔާވަހި ކަމުގެ މަޝްރޫތައް ދިޔައީ ފަނުފުލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.