ތިނަދޫ ދެ މީހަކު ތިބީ ގައުމަށް ޣައްދާރުވެގެން: އަބްދުއްރަހީމް

ތިނަދޫ ދެ މީހަކު ތިބީ ގައުމަށް ޣައްދާރުވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.


ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ތިނަދޫ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު ކަމަށެވެ.

ދެ މީހަކު ގައުމަށް ޣައްދާރުވި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ދެ މީހެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާ އެ މޭރުމުން ވާހަކަ ދެއްކެވި އިރު، ރައްޔިތުންގެ މަޖިލީހުގައި ގދ. ތިނަދޫ ތަމްސީލް ކުރައްވާ ދެ މެމްބަރުން ކަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހުމަދު، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

ޕީޕީއެމުން ތިނަދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާ އަށް ދިޔަ ބައެެއް މީހުން.

"ފަޓާސްބަރިއެއްހެން ކުރިއަށް ދަނިކޮށް ދެން ކީއްކުރަންތޯ ޕީޕީއެމް ދޫކޮށްލާފައި، ރައީސް ޔާމީން ދޫކޮށްލާފައި އެ ވަޑައިގަތީ، ގައުމަށް ޣައްދާރުވެގެން އަމިއްލަ އެދުން ކޮނޑުގައި އަޅައިގެން، ދިވެހިރާއްޖެ ބިދޭސީ ބައެއްގެ އަތްމައްޗަށް ދޫކޮށްލަން، މި ރާއްޖެ އިން އިސްލާމީ ވަހުދަތު ނަގާލަން، މި ރާއްޖޭގެ މިނިވަންކަން ނަގާލަން، މި ރާއްޖޭގެ ސިޔާދަތު ގެއްލުވާލަން، މި ރާއްޖޭގެ މިނިވަންކަން ނަގާލަން ނޫނިއްޔާ ކީއްކުރަންތޯ ވަޑައިގަތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫގެ ބިޔަ ލަޝްކަރު އޮތީ ޕީޕީއެމާ އެކު ކަމަށެވެ. އެ ތަނުގައި މީހުން އިށީނދެ ތިބުމަށް ކައިރި ރަށްރަށުން ވެސް ގޮނޑި ގެންނަން ޖެހުނު ކަމަށާއި އެކަމަކު އެވަރުން ވެސް އެތައް ބަޔަކު ކޮޅަށް ތިބެން ޖެހުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގދ. ތިނަދޫގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންތަކެއް: ގިނަ އަދަދެއްގެ ބަޔަކު އެ ޖަލްސާގައި ބައިވެރިވި.

ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޒިންބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ މައްސަލަ ނުބެލުނު ނަމަވެސް ދެން އަންނަ ސަރުކާރަކުން ރައީސް ޔާމީންގެ ދެކަނބަލުންގެ މައްސަލަތައް ބަލާނެ ކަމަށް ބުނި ކަމަށެވެ.

"މައްްސަލަ ބެލުމުގެ އެންމެ އިސް މުއައްްސަސާގެ އިސް ވެރިއަކަށް ހުންނަވައިގެން މައްސަލަތައް ނުބެލުނު މީހަކަށް ދެން ކޮން މައްސަލައެއްތޯއޭ މިއަދު ބެލޭނީ. ބެލޭނެ ހަމަ އެއްވެސް މައްސަލައެއް ނެތޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާގައި ނުފޮރޮޅާނެ އެއްވެސް ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށް ރިޔާޒް ވިދާޅުވި ނަމަވެސް އެ މަގާމު ދޫކޮށްލެއްވި އިރު ވެސް އަފްރާޝީމްގެ މައްސަލަ އަށް ވީގޮތެއް ނޭނގޭ ކަމަށެވެ.

ޕީޕީއެމުން ތިނަދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާ އަށް ދިޔަ ބައެެއް މީހުން.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތިނަދޫގައި ބޭއްވި ޖަލްސާ އަށް ހުވަދު އަތޮޅުގެ އެކި ރަށްރަށުން މީހުން ގެންގޮސްގެން ބޭއްވި ޖަލްސާގައި ތިބީ 316 މީހުން ކަމަށެވެ. އޭގެ ތެރެއިން 143 މީހުންނަކީ މާލެއިން ދިޔަ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިނަދޫގެ ރައްޔިތުން އެބަޖެހޭ ރައީސް ޔާމީނާއެކު ވަރަށް ބޮޑަށް ސާބިތުވެ ތިބެން. ތިނަދޫ ރައްޔިތުން އެބަޖެހޭ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެނައުމަށް މި ރާއްޖޭގެ އެހެން ރަށްރަށަށް ނަމޫނާ ދައްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ މިއަދު ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ވިސްނުން ވެސް ރައީސް ޔާމީން ތަރައްގީކޮށްދެއްވައިފި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން މިއަދު ހޭލުންތެރިވެއްޖެ. ތަރައްގީވާ ގޮތް ވަރަށް ރަނގަޅަށް އެނގިއްޖެ. ދިވެހި ރައްޔިތުންނަށް ގައުމު ބިނާކުރެވޭނީ ކިހާ ފެންވަރެއްގެ ކިހާ މިންވަރެއްގެ ގާބިލްކަން، ކޮން ވިސްނުމެއްގެ، ކޮންކަހަލަ ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅުންނަށްކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އޮޅުން ފިލައިފި،" އޭނާ ވިދާޅުވި އެވެ.