"ރައީސް ޔާމީން ހިންގެވީ ޖަރީމާއެއް، މާފެއް ނެތް"

ރައްޔިތުންގެ މަޖިލިހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލުވައިލަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އިއުތިރާފްވެވަޑައިގަތުމަކީ ހިންގެވީ ޖަރީމާއެއް ކަމަށާއި އެކަމަށް މާފު ވެސް ކުރެވެން ނޯންނާނެ ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ގދ. ތިނަދޫގައި ސަރުކާރުން ހިންގި މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި މެމްބަރުންގެ ގޮނޑި ގެއްލުވައިލި ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާ މެދު ގޮތެއް ނުނިންމަ އެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނުން ވަނީ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަމީތު މިއަދު ކުރެއްވި ޓުވީޓު.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައީސް ޔާމީން ވެވަޑައިގެންނެވި އިއުތިރާފުން، ސިޔާސީ ބޭފުޅުން ކަންކަމަށް އަތް ބާނަމުންދާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ގޮނޑި ގެއްލުވާލި ކަމަށް ރައީސް ޔާމީން ވިދާޅުވުމަކުން އަދި ނުފުދޭ ކަމަށާއި އެކަން ކުރެއްވީ ކޮން ގާނޫނެއްގެ ދަށުން ކަން ދައްކަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު

"ކޮން ގާނޫނަކުންތޯ ފުރުސަތު ލިބުނީ އެކަން ކުރަން؟ ނެތޭ އެކަން އެމަނިކުފާނަށް (ރައީސް ޔާމީނަށް) ކުރެއްވޭނެ ގާނޫނެއް. ރައީސް ޔާމީންގެ އަޑު އިވުނުތޯ މުއައްސަސާތަކުގެ އިސް ބޭފުޅުންނަށް؟ ކޮބައިތޯ ސުޕްރީމް ކޯޓު؟ އަޑު އިވުނުތޯ ރައީސް ޔާމީންގެ ވާހަކަ،" އަމީތު އެއްސެވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން މަޖިލިހަށް ވަނަނުދީ މެމްބަރުން ބޭތިއްބީ 60،000 އަށްވުރެ ގިނަ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ބޭނުމުގަ އެވެ. އެހެންވެ، ރައީސްގެ އިއުތިރާފުން، މެމްބަރުންނަށް އިންސާފު ގާއިމުކޮށްދޭން ޖެހޭ ކަމަށް އަމީތު ވިދާޅުވި އެވެ.

"މިއީ ރައީސް ޔާމީންގެ ނުފޫޒުން ކުރި ކަމެއް. އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ޔާމީންގެ ވާހަކަފުޅު ސުޕްރީމް ކޯޓަށް ސާފުވެފައި އޮތް ކަމަށް. އެހެންވީމަ މެމްބަރުންނަށް މަޖިލިހަށް ވަދެވޭ ގޮތް ހައްދަވައި ދެއްވާ. މިއޮތީ ޖަރީމާ ހިންގި ކަން ސާފުވެފައި،" އަމީތު ވިދާޅުވި އެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓު.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ގައުމުގައި ހިންގަމުންދާ ކޮންމެ ކަމެއްގެ ތުހުމަތު ރައީސް ޔާމީނަށް ކުރެވިފައިވާ އިރު، ޖަލްސާތަކުގައި ދައްކަވާ ވާހަކަފުޅުތަކުން، އެމަނިކުފާނަށް ކުރެވެނީ ރަނގަޅު ތުހުމަތުތަކެއް ކަން ސާފުވަމުން އަންނަ ކަމަށެވެ. އެހެންވެ، މިއީ އެންމެ ބޮޑެތި ތަހުގީގުތައްކޮށް، ރައީސް ޔާމީނާ މެދު ފިޔަވަޅު އަޅަން ޖެހޭ ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދު އަށް ވަޑައިގަތްއިރު މަރުހަބާ ކިޔަން ނުކުތް މީހުންނާ ރައީސް ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

"ރައީސަކަށް ހުންނަވާ ބޭފުޅަކަށް ވިދާޅުނުވެވޭނެ ވާހަކަ ވިދާޅު އެ ވަނީ. ބުއްދި ސަލާމަތުން ހުރި މީހަކު ދައްކާ ކަހަލަ ވާހަކައެއް ވެސް ނޫން އެ ދައްކަވަނީ،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ހިންގަވާ ޖަރީމާތައް މިއަދު ނުބެލުނު ކަމުގައިވިޔަސް، އެކަން ބެލޭނެ ދުވަހެއް އަންނާނެ އެވެ. އަދި "މިއަދު ނުބެލިއްޖެނަމަ، މާދަން، މާދަން ނުބެލިއްޖެނަމަ، އަންނަން އޮތް މުސްތަގުބަލުގައި ވެސް އެކަން ބެލޭނެ" ކަމަށް ލަތީފް ވިދާޅުވި އެވެ.

ތިނަދޫގެ ދެ މެމްބަރުން ކަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހުމަދަށް ފާޑު ވިދާޅުވަމުން، ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް ގެއްލުންދީ ނިކަމެތިކުރީ އެ މެމްބަރުން ކަމަށެވެ. އެއީ، ދުވަހަކު ވެސް ހިތުން ފިލުވާލެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މާފެއް ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި، ސައުދުﷲ ވިދާޅުވީ ތިނަދޫގައި ރައީސް ޔާމީން އެހާ ބޮޑަށް ކޯފާ އިސް ކުރެއްވީ މަދު އަދަދެއްގެ ބަޔަކު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތުމުން ކަމަށެވެ.

އަބްދުﷲ އަހުމަދު މިއަދު ކުރެއްވި ޓުވީޓު.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތިނަދު އަށް ވަޑައިގަތުމުން މީހުންނާ ސަލާމް ކުރައްވަން އިބޫ ގަޑިއިރެއްހާއިރު ހޭދަ ކުރެއްވިއިރު، ރައީސް ޔާމީން އާންމުންނާ ސަލާމް ކުރައްވަން ހޭދަކުރެއްވީ ވިއްސަކަށް މިނިޓު ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި ތިނަދޫ ރައްޔިތުންގެ ނުރުހުން ރައީސް ޔާމީނަށް އަމާޒުވީ ދިވެހިންނަށް އަނިޔާ ކުރަމުންދާތީ އެވެ. އަދި މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ހައިސިއްޔަތެއް ރައީސް ޔާމީނަށް ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ އިއުތިރާފަށް ޝުކުރު ދަންނަވާ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތިނަދޫގެ "ރަށްވެހިކަން" ދިނުމަށް ކުރިން ވިދާޅުވެފައިވާތީ ސައުދުﷲ ވަނީ އެކަމަށް މާފަށް އެދިވަޑައިގެން، އެ ބަސް އަނބުރާ ގެންދަވައިފަ އެވެ. ސައުދުﷲ ވިދާޅުވި ގޮތުގައި އެ ބަސް އަނބުރާ ގެންދެވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ނޭއްގާނީ ކަމާ ހުރެ އެވެ.

އަބްދުﷲ އަހުމަދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ބޭރުވެވަޑައިގެންފަ އެވެ. އަދި މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވިޔަސް، އަމިއްލަ އިއުތިރާފުން ނުފޫޒު ފޯރުވާކަން ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނީ އިމުގެ ތެރެއިން ނޫން ވެރިކަން ކުރައްވަނީ. ހުރިހާ ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރައްވަނީ،" އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.

އަބްދުﷲ އަހުމަދު ކުރެއްވި ޓުވީޓު.

އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުން ގޮނޑިތައް ގެއްލުވާލި ކަމަށް ރައީސް ޔާމީން ވެވަޑައިގެންނެވި އިއުތިރާފަކީ އެމަނިކުފާނުގެ ވެރިކަމުގައި ސިއްކަ ޖެހެން އުޅޭ ކަމުގެ އަލިގަދަ ހެއްކެކެވެ.

އަބްދުﷲ އަހުމަދު ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީގެ ހުރެފައި، ޕީޕީއެމަށް ބަދަލުވި އިރު "އޯކޭ" އެވެ. އެކަމަކު، އެ ޕާޓީން ވަކިވެވަޑައިގަތީ ދާއިރާގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ރައީސް ޔާމީނަށް މައާފު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.